މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ސާހިލް އަލީގެ ޝަރީއަތުގައި އަންނަ މަހު ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
އޮގަސްޓް 2022 ގައި މާލޭގެ ގެއެއްގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ކުރެ އެވެ.
އާންމުކޮށް ހުޅުވާނުލައި، ސިއްރު ކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހަޅަން ހަމަޖެއްސި ނަމަވެސް ސާހިލްގެ ފަރާތުން އެކަމަށް އިތުރު ވަގުތު ބޭނުންވާތީ އެ ފުރުސަތު ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެހެންވެ، ހުލާސާ ބަޔާން ހުށަހެޅުމާއި ދެ ދައުވާއެއްގެ ހުކުމް އިއްވުން އަންނަ މަހުގެ ދެވަނަ ހަފްތާގައި އޮންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
އެ މައްސަލާގައި ސާހިލްގެ މައްޗަށް ކުރާ ދައުވާތަކާއި ޝަރީއަތް ވެސް ސިއްރުކުރީ ދައުލަތުން އެދިގެންނެވެ.
ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވާ ގޮތުގައި ސާހިލްއަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިން ވަކީލުންނަށް އޭނާގެ ފަރާތުން އެއްބާރުލުން ނުދޭތީ އިތުރަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން އޮތީ ނިންމައިފަ އެވެ.