ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މީހަކު މަރާލި މައްސަލާގައި، ގާތިލް ލައްވައި އެ މަންޒަރުތައް ކޯޓުގައި ކުޅުވުމަށް ފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މާވަށުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ކަރަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މުހައްމަދު ވަނީ އެ ކުށަށް އިއުތިރާފްވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު، އޭނާގެ ފަރާތުން ބުނެފައިވަނީ ވަޅިން ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ މެރުމުގެ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ބުންޏެވެ. އެހެންވެ، އިއުތިރާފްގެ އެއްބަސްވުން ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހަމަލާދިން ގޮތް ގާތިލް ލައްވައި ކޯޓެއްގައި ކުޅުވި ފުރަތަމަ ފަހަރު
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ މޫސައަށް މުހައްމަދު ހަމަލާދިން ގޮތް އޭނާ ލައްވައި ޝަރީއަތުގައި ދައްކުވައި ދިނުމުގެ ގޮތުން އެ މަންޒަރުތައް އޭނާ ލައްވައި ކޯޓުގައި ކުޅުވައިފަ އެވެ.
އެގޮތުން މުހައްމަދުގެ ރުހުމާ އެކު، "ޑެމޮންސްޓްރޭޓިވް އެވިޑެންސް" އެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދިޔައީ މޫސަގެ އިސްކޮޅާ އެއްވަރުގެ އިސްކޮޅެއް ހުރި މީހަކު ކޯޓަށް ގެންގޮސްގެން އަދި ފޮރެންސިކް ޕެތޮލެޖިސްޓެއްގެ ކުރިމަތީގައި ކަމަށް ހުކުމުގައިވެ އެވެ.
"މިއީ އިއުތިރާފް ކަށަވަރު ކުރުމަށް ޝަރީއަތުން އަޅާފައިވާ ފިޔަވަޅެކެވެ،" އިސްގާޒީ އާދަމް މުހައްމަދު ބެއްލެވި އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކުރެއްވި ހުކުމުގައިވެ އެވެ.
މީގެ ކުރިން މަރުގެ މައްސަލަތަކުގައި ރާއްޖޭގައި ގާތިލުން ލައްވައި އެ މަންޒަރުތައް އަލުން ކުޅުވަނީ ތަހުގީގު މަރުހަލާގަ އެވެ. އެހެންވެ، މިއީ ކޯޓުގައި ގާތިލަކު ލައްވައި އެ މަންޒަރުތައް ކުޅުވި ފުރަތަމަ ފަހަރެވެ.
ހުކުމުގައިވަނީ ހަމަލާދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށް މުހައްމަދު ބުނެފައިވިޔަސް، އޭނާ އެ ހަމަލާދިނުމަށް ބޭނުންކުރީ މަސްތުވާތަކެތި ބޭނުން ކުރުމަށްޓަކައި އަބަދުވެސް އޭނާ ގެންގުޅެމުންދާ ވަޅިއެއް ބޭނުންކޮށްގެން ކަމަށެވެ. ހަމަނުޖެހުން ހިނގަން ފެށުމުން ޖީބުން އެ ވަޅި ނެގުމަށް ފަހު، ހަމަލާދިން ނަމަވެސް އެ ހަމަނުޖެހުމުގައި މޫސަ އަމަލުކުރި ގޮތަށް ބަލާއިރު، ވަޅިއެއް ބޭނުންކޮށްގެން އޭނާ އަށް ހަމަލާއެއް ދޭން ހުއްދަވާނެ ފަދަ ހާލަތެއް ކުރިމަތިވެފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
"އެއީ ގަސްދުގައި ވިސްނައިގެން ހުރެ އަތުގެ ބާރާއި ސިކުނޑީގެ ކޯޑިނޭޝަން ބޭނުންކޮށްގެން ހިންގާފައިވާ އަމަލެއްކަން ސާފެވެ." ހުކުމުގައިވެ އެވެ.،
މީގެ އިތުރުން ހަމަލާދިނުމަށް ފަހު، މޫސައަށް އެހީވުމެއް ނެތި ފިލައިގެން އެތަނުން ދިއުމާއި މޫދަށް ވަޅި އެއްލާލުމާއި ޕޮލިސް ސްޓޭޝަނަށް ވަނުމަށް ފަހު އަމިއްލައަށް ގަޔަށް ފެން އެޅުމަކީ ވެސް ހެކި ފޮރުވުމުގެ ގޮތުން މުހައްމަދު ކޮށްފައިވާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ. އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ހާމަވާ ކަމެއް ކަމަށް ހުކުމުގައި ބުންޏެވެ.
"ހާމަވި ކަމަކީ މި ޒަހަމަށް ބަލާއިރު މިއީ ގަސްދުގައި ކުރި ކަމެއް ކަމަށް ބާރުދޭ ކަންކަން ހުރިކަމެވެ. ނަމަވެސް މުހައްމަދު އިބްރާހިމް ޝަރީއަތަށް ދޮގު ހަދައި، އޮޅުވާލަން މަސައްކަތް ކުރާކަން މިކަމުން އެނގިގެންދެ އެވެ." ހުކުމުގައިވެ އެވެ.
އެހެންވެ، ގަސްދުގައި މީހަކު މެރުމުގެ ކުށް މުހައްމަދު މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި މޫސަގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ މުހައްމަދު މަރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
މުހައްމަދު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި ތިބި ނަމަވެސް ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކުރީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ.