ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ތިނެއްގައި ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.
އެ ޖަލްސާ އަށް ތާވަލު ކޮށްފައި ވަނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމެވެ.
ގާނޫނުއަސާސީގެ 84 ވަނަ މައްދާގައިވާ ގޮތުން، ކޮންމެ އަހަރަކު މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކޮށްދިނުމާއި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވަން ޖެހެ އެވެ.
މިދިޔަ އަހަރުގެ ފަހު ދައުރުގައި މަޖިލީހުން ވަނީ 44 ޖަލްސާއެއް ބާއްވައި، 20 ބިލެއްގެ މަސައްކަތް ނިންމައިފަ އެވެ. އެއީ ނުނިމި ހުރި މަސައްކަތްތަކަށް ބަލާއިރު 65.5 ޕަސަންޓެވެ.