މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާން ދެއްވާ ޖަލްސާ އެޗްޕީއޭގެ ގައިޑްލައިނަށް ފައްތަން ޖެހޭތީ، އެ ޖަލްސާ އަށް ފޮނުވި ބައެއް ދައުވަތުތައް ކެންސަލްކޮށްފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ޖަލްސާ ބާއްވަން ޖެހޭތީ، ގައިދުރުކަން ކަށަވަރުކުރުމަށް މަޖިލީހުގެ އިދާރާ އިން ނިންމީ ރައީސްގެ އިތުރުން ވަޑައިގަންނަނާނީ އެ މަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި ރާއްޖޭގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންނަށް ފޮނުވި ދައުވަތު ނޫން އެހެން ހުރިހާ ދައުވަތެއް ކެންސަލްކުރުމަށެވެ. މިގޮތަށް ނިންމުމުން ޖަލްސާ އިން މަދުވާނީ ކިހާ މީހުންނެއް ކަމެއް މަޖިލީހުގެ އިދާރާއަކުން ނުބުނެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައި ހުރުމަށް ފަހު އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އެހެންވެ، ބަލިން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ފަހު އަލުން ވަނީ ހަރުކަށިކޮށްފަ އެވެ.