ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއް ކަމަށް ސާބިތުވާ ކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ހުކުމްކޮށްފި އެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް ލިބޭ ދަރިންނަކީ އެ މީހުންގެ ދަރިންކަން ސާބިތުކުރަން ފެމިލީ ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. އެހެންވެ، ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ސީރިއާގެ ހަނގުރާމަވެރި ސަަރަހައްދެއްގައި އުޅުނު ދިވެހި އަންހެނަކު ވިހެއި ދެ އަންހެން ކުދިންނަކީ އޭނާގެ ދަރިންކަން ސާބިތު ކުރުމަށެވެ. އެ މައްސަލަ ހުށަހެޅީ އަންހެން މީހާގެ ފަރާތުންނެވެ.
ފެމިލީ ކޯޓުން ބުނީ އެ ދެ ކުދިންނަކީ އެ އަންހެން މީހާގެ ދަރިންކަން ސާބިތުވާ ކަމަށް ނިންމީ އެ ދެ ކުދިންގެ ޑީއެންއޭ އާއި އަންހެން މީހާގެ ޑީއެންއޭއާ އަޅާކިޔުމަށް ފަހު ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓަށާއި އެ ރިޕޯޓް ހެދި މީހާގެ ހެކިބަހުގެ އިތުރުން އެހެން ހެކިތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.
މި އަންހެން މީހާ އާއި އެ ކުދިންގެ އައިޑެންޓީއެއް ހާމައެއް ނުކުރެ އެވެ.
މިއީ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ކުދިންތަކެއް، ދިވެއްސެއްގެ ދަރިން ކަމަށް ފެމިލީ ކޯޓުން ސާބިތުކުރި ފުރަތަމަ މައްސަލަ އެވެ.
މި ހުކުމް އިއްޔެ ކޮށްފައި ވާއިރު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ރޭގެ ވަގުތެއްގައި ވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގައި އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްޓްރީކޮށްދިނުމާ ބެހޭ އުސޫލު ވެސް ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފަ އެވެ.