ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ތެރެއިން ގަވާއިދުން ނުނެރޭ ނޫސްތައް އުވާލާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން މިއަދު ދީފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކުރި ނޫސްތަކުގެ ތެރެއިން ގަވާއިދުން ނުލިޔާ ނޫސް، މަޖައްލާތަކާއި އޮންލައިން ނޫސްތައް ދަފްތަރުން އުނިކުރާނީ އަންނަ މަހުގެ 28 ގައި ކަމަށެވެ.
އެ މުއްދަތާ ހަމައަށް ވެސް ގަވާއިދުން ނުލިޔާ ނަމަ މި ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުވާނެ އެވެ.
މިނިސްޓްރީން ވަނީ ގަވާއިދުން ޝާއިއު ނުކުރާ 41 ނޫހެއްގެ މައުލޫމާތު ހިމެނޭ ލިސްޓެއް ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ރަށްރަށުގައި ހިންގާ ކުދިކުދި ނޫސްތަކެވެ. އަދި މޯލްޑިވްސް އިންޑެޕެންޑެންޓް ކަހަލަ ކުރިން ފުޅާކޮށް ހިންގުމަށް ފަހު ހުއްޓާލި ނޫސްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ނޫސް، މަޖައްލާތައް ހިންގޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ.