ހޯމް މިނިސްޓްރީ އަށް ޕަބްލިކް ރިލޭޝަން (ޕީއާރު) މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ. 

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނީ މިނިސްޓްރީން ދޭ މައޫލޫމާތާ އެއްގޮތަށް މީޑިއާ އާއި ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރީޓެއިނާ އުސޫލުން އެއް އަހަރު ދުވަހަށް ކޮންސަލްޓެންސީ ދޭނެ އެޖެންސީއެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

އެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 10:30 އަށް ވެލާނާގޭގެ 10 ވަނަ ފަންގިފިލާ އިން މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ. 

އެ އިއުލާނުގެ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ގޮތުގައި، ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ މައިގަނޑު މަގުސަދަކީ ކޮމިއުނިކޭޝަން އިނީޝިއޭޓިވްތައް އެކުލަވާލައި، މިނިސްޓްރީގެ މީޑިއާގެ ދައުރު އިތުރަށް ފުޅާކުރުމެވެ. މީގެ އިތުރުން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންސަލްޓެންސީގެ މައިގަނޑު ބޭނުމަކީ ކޮމިއުނިކޭޝަން އިނީޝިއޭޓިވްތައް އެކުލަވާލުން
  • ރަނގަޅު ފޮޓޯގްރަފީ އަދި ވިޑިއޯގްރަފީގެ ހިދުމަތް ފޯރުކޮށްދިނުން
  • މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު ފެތުރުން
  • މިނިސްޓްރީގެ މީޑިއާގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ވަރުގަދަކުރުން

ޓާމްސް އޮފް ރިފަރެންސްގައި ބުނީ އެ ކޮންސަލްޓަންސީގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ މިނިސްޓްރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސްޓްރެޓެޖިކް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުން ކަމަށެވެ.

މީގެ އިތުރުން ޕްރެސް ރިލީސްތަކާއި ޚަބަރު އާޓިކަލްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކާއި އިންސާނީ މަސްލަހަތު ހިމެނޭ ފަދަ ފެންވަރު ރަނގަޅު ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މި ކޮންސަލްޓެންސީ ދޭ ފަރާތާ ހަވާލުކުރާނެ ކަމަށް ވެސް އޭގައިވެ އެވެ. 

ބީލަން ހުށަހަޅާ ފަރާތަކީ މަސައްކަތުގެ ދާއިރާއިން މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބަޔަކަށް ވާން ޖެހެ އެވެ.