ފަތުހު ޖަމާއަތުގެ ވެރިޔާގެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން ކުރިއަށް ދަނީ: އޭނާގެ މައްސަލަ އަލުން ބަލަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި
02 ފެބުރުއަރީ 2022 - 12:35
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 2014 ވަނަ އަހަރު 72 މީހެއްގެ އަތުން 5.6 މިލިއަން ރުފިޔާ ނެގުމަށްފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި ފަތުހު ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ކުރީ ޚިޔާނާތުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެކެވެ. އެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން 2020 ވަނަ އަހަރު އެންގީ ޚިޔާނާތުގެ ދައުވާ އަލުން ބެލުމަށެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން އޭރު ނިންމި އެވެ.
އެ ހުކުމް މުސްތަފާގެ ފަރާތުން އިސްތިއުނާފްކުރި އެއް ނުކުތާއަކީ މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތު ނުވާއިރު އެ ކުށުން ފުރިހަމަވާ ޚިޔާނާތުގެ ކުށުގެ ދައުވާ އަލުން ބަލަން އެންގުން، އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ ގާނޫނީ އުސޫލާ ޚިލާފް ކަމަށް ބުނެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެއް ކުށަކަށް އަދަބު ދިނުން ކަމަށް ބެލެވޭނީ ކުށުގެ އުންސުރުތައް ދެ ދައުވާގައި ވެސް އެއްގޮތްވާ ނަމަ ކަމަށެވެ. އަދި މަކަރާއި ހީލަތް ހެދުމުގެ ކުށާއި ޚިޔާނާތުގެ ކުށުގެ އުންސުރުތައް ގާނޫނު އޮންނަ ގޮތުން ތަފާތު ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ދެ ދައުވާ ވެސް އުފުލީ އެއްފަހަރާ ކަމަށް ވާއިރު، އެއް ކުށަކަށް ދެފަހަރަށް އަދަބު ދިނުމުގެ މައްސަލަ ފެންމަތިވީ އިސްތިއުނާފް މަރުހަލާގައި ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެއީ އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުމުގެ ގާނޫނީ އުސޫލާ ޚިލާފް ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އިސްތިއުނާފް މުއްދަތު ހަމަވިފަހުން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ އެކަން މުސްތަފާގެ ފަރާތުން ފާހަގަކުރިޔަސް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ ހައި ކޯޓުން ބެލުމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށެވެ. އަދި ތަހުގީގު ކުރުމާއި ދައުވާ ކުރުމުގައި ދައުލަތުން މުސްތަފާއާ މެދު ތަފާތުކުރި ކަމަށް އޭނާގެ ފަރާތުން ބުންޏަސް، މި މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުން ރަނގަޅު ނޫން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ޚިޔާނާތުގެ ދައުވާ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމަކީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް މުސްތަފާގެ ފަރާތުން ސާބިތުކޮށް ނުދެވޭތީ އެ ނިންމުމަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ފަތުހު ޖަމާއަތަށް އޭރު ފައިސާ ދެއްކި މީހުންނަށް ނުދެވުމުން އެ މީހުން ހައްޖަށް ގެންގޮސްދިނީ ސަރުކާރުގެ ޚަރަދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތަފަ
02 February 2022
އިރުފަދައިން ހާމަކޮށް ފެންނަ ކަންކަމުގައި ކޮން ދިފާއެއްވާކަށް. ކޮބާ އަތުލި ފައިސާތައް؟ ލަދު ހަޔާތް ގަންނަން ދަސްކޮށްބަލަ.
މި ހާލަތު
02 February 2022
5.6 މިލިޔަން ރުފިޔާ ނަގާފަ ހައްޖައް މީހުން ނުގެންދިޔުމުން ދައުލަތުން އެމީހުން ހައްޖަންގެންދަންޖެހި ދައުލަތުން އެތައް ޚަރަދެއް ކުރީމަވެސް 5.6 މިލިޔަން ރުފިޔާ ނެގިމީހާ ކުށެއް ނުކުރާކަމަށް ހުކުމް ކުރާ ފަޑިޔާރުގެއަކުން ލިބޭނީ ކޮން އިންސާފެއް.
ބޮޑުރާހި8
02 February 2022
ކަލޯ ވާނުވާގަތަ؟
ކަތްދައްތަ
02 February 2022
ނުވިތާކަށް އެފައިސާ ވެސް ދައްކަން ނުޖެހޭކަމަށް ޙުކުމް ކޮށްފަ އޮތީ.މުސްތަފާގެ މުސްކުޅިފުޅު ހާލަށް ރިއާޔަތްކޮށް. މިހާރު އެފައިސާ އޭނާ ކާލިފަހުން މިހިގަނީ 7 ވަނަ އަހަރު. ކޮބާ ލަދް.
ގެނދަބުޅި
02 February 2022
ބޭބޭ އަތުލި ފައިސާތައް އަނބުރާ ރައްދުކުރީތަ ޚިޔާނާތްތެރި ނުވާން. މަށަށް ނުއެނގުން މިވާއެއް ނުވާއެއް. ބޭބޭ. މީހުން އަތުން އަތުލި ރުފިޔާ ކޮޅުކޮބާ؟ ހުދުފޮތިކޮޅަކަށްވާން ފޫ ގަޅައުލީތިޔާ...