ފައްޔާޒާއެކު މަޖިލީހުގެ 30 މެމްބަރަކާއި ގައުމީ މަޖިލީހުގެ 45 މެމްބަރުން އަދި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެމްޑީޑީންނާއި ޑީއެމްޑީން ވެސް މިލަންދު އަަށް ވަޑައިގެންނެވި.
ފައްޔާޒު މިއަދު ހަވީރު މިލަންދު އަށް ވަޑައިގަތުމުން މި ރަށުން މަރުހަބާ ދަންވައި އޭނާގެ ބޮލުގައި ތާޖެއް އަޅުވާފައި.---ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ފެބުރުއަރީ 2022 - 19:18
ށ. މިލަންދޫގެ މައި މަގުތަކުގައި ދިވެހި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަތައް ޖަހައި، ކުދިބޮޑު އެންމެން ނަލަ ހެދިލައިގެން ނުކުމެ ތިބީ ރައީސް ނުވަތަ ނައިބު ރައީސްގެ އިންތިޒާރުގައެއް ނޫނެވެ. އެކަމަކު، މިއަދު ހަވީރު މި ރަށަށް އައި ކޮންމެ މީހެއްގެ ސިކުނޑި އަށް ވެސް ތަސްވީރު ނެގުނީ ގާތްގަނޑަކަށް އެހެންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އޮތް ތާއީދު މިލަންދޫގެ މީހުން މިއަދު ދައްކައިދިނީ އެހާ ވެސް ލޯތްބާ އެކު އެވެ.
އިކޮނޮމިކް މިނިސްޓަރުގެ މަގާމާއެކު، ކެބިނެޓްގައި އެންމެ ނުފޫޒުގަދަ ކަމަށް ބުނާ ފައްޔާޒްގެ ކެމްޕެއިން ރަސްމީކޮށް މިރޭ ފެށުމަށް މިލަންދޫ އިހުތިޔާރު ކުރި ސަބަބު އޭނާ އަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންގެ އަދަދަށް ބެލުމުން ސާފެވެ. ރަށުގެ ބަނދަރު ސަރަހައްދު ނުވަތަ ސައިމާމަގުގެ އެއްކޮޅުގައި ހުރެ އަނެއްކޮޅަށް ބަލާއިރު، ސަފުގެ ކޮޅު ރަނގަޅަށް ނުފެންނަ ވަރަށް މީހުން ނުކުމެ ތިއްބެވެ. އެ މަގުގެ ދިގުމިނަކީ 1،152 ފޫޓު ކަމަށް ކަމަށް މިލަންދޫގެ މީހުން ބުނެ އެވެ.
ފައްޔާޒާއެކު، މި ކެމްޕެއިނުގައި އޭނާގެ ޓީމުގެ ބައެއް މެމްބަރުން ވެސް މިލަންދު އަށް ވަޑައިގެންނެވިއިރު، އެ ބޭފުޅުންގެ ބޮލުގައި ފުރަތަމަ އެޅުވީ ތާޖެކެވެ. ދެން ކޮންމެ ބޭފުޅެއްގެ ކަރުގައި މާފަތި އަޅުވައި އަތަށް މާބޮނޑިއެއް ދިނެވެ. މަރުހަބާ ކިޔަން އެއްވެ ތިބި ތުއްތު ކުދިން ތިބީ ވަރަށް ރީއްޗަށް ނަލަ ހައްދައިފަ އެވެ. އެހެން ބައެއް ޒުވާނުން ތިބީ ގައުމީ ފެންވަރުގެ ހަރަކާތަކަށް ތައްޔާރުވާހެން ސަގާފީ ހެދުން ލައިގެންނެވެ. ރަށަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ.
ފައްޔާޒު މިއަދު ހަވީރު މިލަންދު އަށް ވަޑައިގަތުމުން އޭނާގެ ކަރުގައި ތުއްތު ކުއްޖަކު މާފަތި އަޅުވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
މިލަންދުއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރަށެކެވެ. އެ ރަށުގައި އެމްޑީޕީގެ 880 މެމްބަރުން ތިބިއިރު 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތާއީދު އޮތީ އެ ޕާޓީއަށެވެ. ރަށުން ވާހަކަ ދައްކައިލެވޭ ކޮންމެ މީހަކު ވެސް ވަނީ ގާތްގަނޑަކަށް އެމްޑީޕީގެ މެމްބަރަކަށެވެ.
"ޔަގީނުން ވެސް ފައްޔާޒް މި އިންތިހާބުން މި ރަށުން އެކަނިވެސް 90 ޕަސެންޓް ނަގާނެ. އެކަމާ ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް. އެހާ ވަރަށް ތާއީދު އެބައޮތް،" ފައްޔާޒަށް މަރުހަބާ ކިޔަން ބަނދަރުމައްޗަށް ނުކުމެ ހުރި މެދުއުމުރުގެ މީހަކު ބުންޏެވެ.
"މި ރަށު މީހުން ފައްޔާޒު ދެކެ ލޯބިވާ އެންމެ ބޮޑު ސަބަބަކީ މެމްބަރު އަލީ ރިޒާ. އޭނާ ބުނި ކޮންމެ މީހަކަށް ރަށު މީހުން ވޯޓު އަޅާނެ."
ފައްޔާޒު މިއަދު ހަވީރު މިލަންދު އަށް ވަޑައިގެން ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ފައްޔާޒާއެކު މިލަންދު އަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިން ވަޑައިގެންނެވިއިރު ބައެއް ބޭފުޅުންނަށް ވެސް ހައިރާންކަން ގެނެސްދިން އެއް ކަމަކީ ފައްޔާޒަށް މަރުހަބާ ކިޔަން ނުކުތް މީހުންގެ އަދަދެވެ.
ފައްޔާޒަށް މަރުހަބާ ކިޔަން އެމްޑީޕީގެ މެމްބަރުން މިލަންދޫގެ ބޮޑުމަގުގެ ދެ ފަރާތުގައި ސަފު ހަދާލައިގެން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ ގައުމީ ކަމެއް ނޫން ވިއްޔާ. އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި މިހާ ގިނަ ބަޔަކު އެއް ރަށަކުން ނުކުމެ އެއް ކެންޑިޑޭޓަކަށް ތާއީދު އޮތްކަން ދައްކައިލީމާ މަންޒަރު ވަރަށް ސާފު. އަޅުގަނޑު ބުނާނީ މިއީ މެމްބަރު ރިޒާގެ މަސައްކަތޭ. އޭނާ އަށް އޮތް ތާއީދު މި ރަށުން މި ފެންނަނީ. މި މަންޒަރަށް ބަލާއިރު 90 ޕަސެންޓަށް ވުރެ މަތިން މި ރަށުން ފައްޔާޒު ނަގާނެ،" ފައްޔާޒާއެކު މިލަންދު އަށް ވަޑައިގެންނެވި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފް ވިދާޅުވި އެވެ.
ފައްޔާޒު، މިއަދު ހަވީރު މިލަންދު އަށް ވަޑައިގަތުމުން މެމްބަރު އަލީ ރިޒާ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
މެމްބަރު އަލީ ރިޒާ "މިހާރު" އަށް މިލަންދޫން އޮތް އެންމެ ބޮޑު ޔަގީންކަމަކީ މި ރަށުން އެކަނި ވެސް 90 ޕަސެންޓަށް ވުރެ މަތިން ފައްޔާޒު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމެވެ.
"އެއްވެސް ބޭފުޅަކު އެ ކަމަށް ޝައްކު ނުކުރައްވާ. މި ރަށަކީ އަބަދުވެސް އެމްޑީޕީ ރަށެއް. ފައްޔާޒަށް މި ރަށުގެ އެމްޑީޕީގެ މެމްބަރުން ބޮޑު އަދަދަކުން ވޯޓު އަޅާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބަށް ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ، ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫ ކަނޑައެޅީ ރަށުގެ މީހުންގެ އެދުމަކަށް ކަމަށެވެ.
"މިލަންދުއަކީ އުތުރުން އެމްޑީޕީ އަށް އެންމެ ބޮޑު ތާއީދު އޮތް އެެއް ރަށް. އެހެންވެ، ރަށުގެ މީހުން ވަރަށް ބޮޑަށް އެދުނީ މި ރަށުގައި ކެމްޕެއިން ފަށައި ދިނުމަށް. އެކަން އަޅުގަނޑުމެން މިރޭ މި ކޮށްދެނީ،" ރަށުގެ ބަނދަރު ސަރަހައްދުގައި ބާއްވާ ފައްޔާޒުގެ ކެމްޕެއިން އިވެންޓް ރަސްމީކޮށް ފެށުމުގެ ހަފުލާ އަށް އިޝާރާތް ކުރައްވައި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ފައްޔާޒަށް މަރުހަބާ ކިޔަން ތުއްތު ކުދިން ތައްޔާރު ވެގެން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ފައްޔާޒާއެކު މާލެ އިން ވެސް ބޮޑު ޓީމެއް މި ރަށަށް އައެވެ. އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރަކާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 45 ބޭފުޅަކު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެމްޑީޕީީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ މިލަންދު އަށް މިއަދު ހަވީރު ވަޑައިގަތުމުން ރަށުގެ މީހަކު އުފަލުން ގޮސް އޭނާގެ ގައިގައި ބައްދާލަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން މި ރަށަށް އައީމާ ފެނުނު ތާއީދު އޮތް ވަރަށް. މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ވަރަށް އަވަސްކޮށް ސަލާންކޮށް ނިންމައިލަން ވެސް 45 މިނިޓް ވަރު ނެގި. ބޮޑުމަގުގެ އެއްކޮޅުން އަނެއްކޮޅަށް އެ އޮތީ ޖަމާވެފައި ތިބި މީހުން ފެންނަން. މި ތާއީދާއެކު ފައްޔާޒް މި ރަށުން 85-90 ޕސެންޓް ނަންގަވާނެ ކަމަށް މި ބަލަނީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ފައްޔާޒުގެ ކެމްޕެއިން ޓީމުގައި ހިމެނޭ ފިނޭންސް މިނިސްޓަރު އަމީރު މިލަންދު އަށް ވަޑައިގަތުމުން އޭނާގެ ބޮލުގައި ތާޖެއް އަޅުވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ފައްޔާޒުގެ ތާއީދު މިލަންދޫގައި ބޮޑުވި އެއް ސަބަބަކީ އޭނާގެ ގާތް މީހުން ބުނާގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެ އިންތިހާބާ ގުޅިގެން ފައްޔާޒު ށ. އަތޮޅަށް ވަޑައިގަތުން ގިނަވުމާއެކު ގުޅުން އިތުރަށް ބަދަހި ވެސް ވީ އެވެ. އެހެންވެ. ށ. އަތޮޅުގެ އެހެން ބައެއް ރަށްރަށުން ވެސް މިލަންދޫގައި މިރޭ ބޭއްވާ ޖަލްސާ އަށް ގިނަ ބަޔަކު އަންނާނެ ކަމަށް ޖަލްސާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެ އެވެ.
"ތިއީ އަދި މިލަންދޫން ފެނުނު މަންޒަރު. ކުރިއަށް އޮތް ތަނުގައި ތިފަދަ އެތައް ކަމެއް ފެންނާނެ،" ފައްޔާޒުގެ ކެމްޕެއިން ރޭވުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
27 February 2022
ފަހަކަށްއައިސް ހިންގާލިމީހަކީ ބްރޯ. މިހާރު ބްރޯއަކީ ފައްޔާޒު ކަމަށް ހަބަރުތައް ބުނަނީ .
ބީރުބޮލު ވަޒީރު
27 February 2022
މިއޮތީ ވަރަށް ބޮޑަށް އޮޅުވާލާފަ. ކޮންމެ ސަރުކާރެއްގަވެސް މިލަންދޫ މީހުން މަރުހަބާ ކިޔަން ނިކުންނާނެ. އެކަމުގާ ޕީޕީ އެއް އެމްޑީޕީ އެއް ނޯންނާނެ. ފައްޔާޒަށް ތާއީދު އޮތްވަރެއް އެނގޭނީ ވޯޓުން. ތިއީ ދެވަނަ ބުރޯ. ލާރި ހުރިއްޔާ ކާމިޔާބު ކުރަން ފަސޭހަވާނެ. އެކަމަކު ތީ ފޭލިއަރެއް.
ބުރޯ ބުރޯ
26 February 2022
އިންޑިޔާއިން ފައިސާ ބަހައިގެން މީހުން ނެރެފަ ތާއިދުއޮތްކަން ދައްކަން.
ރަނގަޅުމީހެއްނޫން
26 February 2022
100 ޕަސެންޓް 4 ކުޑައިގެ "މާތް" ސިފަތަކުން ސިފަލިބިގެން ބަސްމޮށުން ތެރިކަން ގެންގުޅޭ މީހެއް. އަޚުލާޤު ވަރަށް މުހިއްމު
އިޙްސާސް
26 February 2022
ފައްޔާޒުތީ ފެއިލްވެފަ ހުރި މީހެއް. ބޭރުމީހުންގެ ކަންތައް ހަމަޔަކަށް އަޅުވާނަމޭކިޔަކިޔާ ހުރީ. ދައުރު ނިމެނީ ރެގިއުލޭޓުކުރަން ހުށައެޅިޔަސް ޖަވާބެއް ނުލިބެ އެތައް މަހެއް ފާއިތުވެގެންދަނީ.
1234
26 February 2022
ދެވަނަ ބުރޯ ބަލަންތިބެމާހިގާ؟
ކުޗީ
26 February 2022
ބްރޯ އެއްގެ ނިމުން އައިގޮތް ދިވެހިން ވަރަށް ކައިރިން ދެކިފަ ހުރީ ... ބިދޭސީންގެ ކަންކަން ހައްލެއް ނުވި. ވަކި ބަޔަކަށް ނޫނީ ސމއ ލޯނެއް ނުލިބެ. މިނިމަމް ވޭޖް ގައި ބިދޭސީން ނުހިމެނީމަ ގިނަ ރިސޯޓް ތަކުން މީހުން ދިވެހިންނަށް ފުރުސަތެއް ނުދޭ.
ޙަބީބު
26 February 2022
ކޮބާ އަންނި ފެކްޝަންގެ ގިންތި ޔައް މިކަން ފެނޭތޭ ފެނޭތޭ ހަޖަމު ވޭތޭ މިފެންނަނީ އެމްޑީޕީ ތެރެއިން އަންނި ދުރައްދާން ޖެހޭކަމައް ގަބޫލު ކުރާ މީހުން
2022
26 February 2022
ޢަދީބުގެ ރަންޒަމާނުގެ ޙަނދާންތަކެއް އާވެއްޖެ
އަލްއުސްތާޒް
25 February 2022
ސަރުކާރާއި އެމްޑީޕީ ދެފަޅިވެގެންނެއް 2023 ކާމިޔާބު ކުރަން ދަތިވާނެ..މިވަރަށް ބުނީ ވޯޓްދޭންވީ ފަރާތް އެގެންވާނެ.