ފައްޔާޒު ވިދާޅުވީ، ފަހަތަށް ޖެހުމެއް ނެތް ކަމަށާއި ފަހަތުން ކެހެރޭހާ ކެހެރުމަކަށް ބެލުމެއް ނެތް ކަމަށް.
ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ޖަލްސާގައި އޭނާ ބައެއް މީހުންނާ ބައްދާލައްވައި ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ފެބުރުއަރީ 2022 - 23:40
އެމްޑީޕީގެ ހިންގުން މިއަދު އޮތީ އެ ޕާޓީގެ ސައިޒުގައި ނޫން ކަމަށާއި ޕާޓީގެ މަސައްކަތްތައް ވެސް ހުރީ ލަދުވެތިވާންޖެހޭ ހިސާބުގައި ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އެ ޕާޓީގެ ތެރެއިން މިދިޔަ ތިން އަހަރު ފެނުނު މައްސަލަތަކެވެ. އެކަމަކު، ޗެއާޕާސަން ކަމުގެ މަގާމަށް އޭނާ އިންތިހާބު ކޮށްފި ނަމަ އެ ކަމުން އަރައިގަނެވޭނެ ގޮތްތައް ފައްޔާޒު ވިދާޅުވި އެވެ.
މިއަދު ހަވީރު މިލަންދު އަށް ފައްޔާޒު ވަޑައިގަތުމުން މި ރަށުން ކިޔާފައިވާ ހޫނު މަރުހަބާ އަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އެމްޑީޕީ އޮންނަންވީ އެ ޖޯޝުގައި، އެ އެކުވެރިކަންމަތީގައި ކަމަށެވެ.
"ކުދިކުދި ސިކުނޑިތަކެއްގައި، ފިތުނައިގެ ތެރޭގައި ތާށިވެގެން ތިބެންވީ ޕާޓީއެއް ނޫން މިއީކީ. އެ އަށް ވުރެ މާ ބޮޑު ޕާޓީއެއް މިއީ. މި ޕާޓީއަކީ ކޮންމެ މީހަކަށް ޖާގަ އޮތް ޕާޓީއެއް. ވަކި ގެއަކަށް ނިސްބަތް ވެގެން، މި ޕާޓީގައި ނޫޅުމުގެ ފުރުސަތު އޮތުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން،" މިލަންދޫގެ ސްޓޭޖް ސަރަހައްދުގައި އޮތް ފޯރިގަދަ ޖަލްސާގައި ފައްޔާޒު ވިދާޅުވި އެވެ.
"ޒުވާނަކަށް ވީމާ މި ޕާޓީން ޖާގަ ނުލިބުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. އަންހެނަކަށް ވީތީ މި ޕާޓީގައި އަންހެނުންގެ އަޑު އުފުލުނަ ނުދިނުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. މި ޕާޓީގައި ހުރިހާ އެންމެންނަށް ވެސް ޖާގަ އެބައޮތް. މި ޕާޓީއަކީ މި ރާއްޖޭގެ ހުރިހާ އެންމެންނަށް މަރުހަބާ ކިޔަންޖެހޭ ޕާޓީއެއް. އެހެން ޕާޓީތަކުން ވެސް މި ޕާޓީއަށް އަންނަންވީ."
"އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ ރަށްތަކުގެ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލަން ނުކުމެ. އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ އޮފީސްތައް ހިންގައިލައި، އަންހެނުންގެ ރޫހު ފިސާރި ރަނގަޅަށް ގުގުމައިލަން އަޅުގަނޑުގެ އެހީތެރިކަން ދޭން، ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރަށް.--- ފައްޔާޒު
ފައްޔާޒު ވިދާޅުވީ، އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅޭ މީހުންނަށް ވެސް އެންމެ މަތީ ފަންތިއަށް ދެވޭނެ ފުރުސަތު އޮންނާނެ ކަމަށާއި އެކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއަކަށް ވާދަކުރައްވާ ރޮޒައިނާ މިރޭގެ ޖަލްސާގައި.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި، އެ ޕާޓީގެ އަންހެނުންނާއި ޒުވާނުންގެ ބޭނުން އެންމެ ރަނގަޅަށް ހިފާތަނެއް ވެސް ފެނިވަޑައެއް ނުގަންނަވަ އެވެ.
"އެކަން އަޅުގަނޑުމެންނަށް އެބަ އިނގޭ މި ޖަލްސާގެ ކުރީ ސަފަށް ބަލައިލުމުން، އަންހެން ބޭފުޅުން ތިއްބެވި އަދަދުން. މި ޕާޓީ އަށް 15،16 އަހަރު ވެގެން ދިޔައިރުގައި ކީއްވެތޯ އަޅުގަނޑުމެންނަށް އިތުރު، ވަރުގަދަ އަންހެން ސިޔާސީ ލީޑަރުންތަކެއް ނުއުފެއްދުނީ؟،" އެމްޑީޕީގެ އިސް ސަފުގައި އަންހެނުން މަދުކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އެހެންވެ، ފައްޔާޒުގެ އެންމެ އިސް އެއް މަސައްކަތަކީ އަންހެނުން ސިޔާސީ މަގާމުތަކަށް ނެރުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ނެރެދިނުމެވެ.
ފައްޔާޒުގެ މިރޭގެ ވާހަކައިގައި ވިދާޅުވީ، އޭނާގެ ކެމްޕެއިން ކުރިއަށް ގެންދާނީ ވަރަށް ރީތިކޮށް ކަމަށެވެ. އެކި ފަރާތްތަކަށް ކުޑައީމިސްކޮށް ބަސްބުނުން ފަދަ ކަންކަން ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ޕާޓީތަކުން އެކަން ކުރާ ގޮތް ވަރަށް ހުތުރު. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ ތެރެއަކު އެފަދަ އަމަލެއް ނުހިނގާނެ. އަޅުގަނޑުމެންނަކީ އެ އަށް ވުރެ މާ ތަސައްވުރު ފުދިފައިވާ، ސިޔާސީ ގޮތުން މާ ބޮޑުތަނުން ކުރީގައި އުޅޭ ޕާޓީއެއް،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކެމްޕެއިން ކުރިއަށް ގެންގޮސް ނިންމާލާއިރުގައި އަޅުގަނޑު އުންމީދު ކުރަނީ 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި މި ޕާޓީ އޮންނާނީ ފައްކާވެފައޭ. މި ޕާޓީގެ ޗެއާޕާސަން ކަމަށް އަޅުގަނޑު ހޮއްވަވައި ދެއްވައިފި ނަމަ ހުއްޓުމެއް ނެތި، މި ކެމްޕެއިން ނިމުމާއެކު ވެސް އެ ހަރަކާތްތައް ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ 2023 ގައި މި ރާއްޖޭގައި ޑިމޮކްރެޓިކް، އަދުލުވެރި ވެރިކަން، އަނެއްކާ ވެސް އެމްޑީޕީގެ ވެރިކަން މި ރާއްޖޭގައި ހިންގުމަށް ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން."
ފައްޔާޒުގެ ކެމްޕެއިން ސްލޯގަންއަކީ "ހިންގާލަން" ކަމަށް ވާއިރު، އެ ސްލޯގަން އަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި ފިސާރި ރަނގަޅަށް އެ ޕާޓީ ހިންގައިލަންޖެހޭ ކަމަށެވެ.
އެ ކަން ކުރެވެން އޮތީ ފައްޔާޒު ވިދާޅުވިގޮތުގައި ޕާޓީގެ ހަރުގެތަކާއި ގޮފިތައް ރަނގަޅަށް ހިންގުމުންނެވެ. ޕާޓީ ހިންގަން ޖެހެނީ ހަމައެކަނި އިންތިހާބެއް ބޯމަތިވުމުން ނޫން ކަމަށާއި ޕާޓީގެ މެމްބަރުން ކިތަންމެ ގިނަޔަސް، އެމްޑީޕީގެ ސަރުކާރެއް އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތަސް މިދިޔަ ތިން އަހަރު ފެނުނީ ޕާޓީގެ އެއްވެސް ހަރަކާތެއް ނުހިނގައި އޮތް ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި އަޅުގަނޑުމެން ދެރަވާންޖެހޭ ކަމެއް. އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމެއް،" ލ. ގަމު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ކަމަށް ވާތީ، އެ ޕާޓީ ހިންގުމުގައި ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެކަމަކު، ރާވާލައިގެން ކަންކަން ކުރާ ނަމަ އެމްޑީޕީ އަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި ކާމިޔާބު ވާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"ހިތާމައަކީ މި ވިސްނުން ޕާޓީގެ ތެރޭގައި މި ވަގުތު ނެތުން. ޕާޓީ ހިންގަން ތިއްބެވި ބޭފުޅުންގެ މި ވިސްނުން އޮތް ނަމަ މި ވޭތުވެދިޔަ ތިން އަހަރު ކޮންމެ ދުވަހަކު، ކޮންމެ މަހަކު މިއަދު މިލަންދޫން ފެނުނު ކަހަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ހުއްޓުމެއް ނެތި ފެނުނީސް،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ ރަށްތަކުގެ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލަން ނުކުމެ. އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ އޮފީސްތައް ހިންގައިލައި، އަންހެނުންގެ ރޫހު ފިސާރި ރަނގަޅަށް ގުގުމައިލަން އަޅުގަނޑުގެ އެހީތެރިކަން ދޭން، ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރަށް."
ފައްޔާޒު ވިދާޅުވީ، ޗެއާޕާސަން ކަމަށް އޭނާ އިންތިހާބު ވެއްޖެ ނަމަ، އެމްޑީޕީގެ ޒުވާނުންގެ ދައުރު މިހާރަށް ވުރެ ހަރުދަނާ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގައި އެކިއެކި ފަންނީ ކޮމިޓީތައް އޮންނައިރު، އެ ކޮމިޓީތަކުގެ ބޭނުން ވެސް މިދިޔަ ތިން އަހަރު އެކަށީގެންވާ ގޮތަކަށް ނުހިފާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ހިންގާއިރު ކަންކަން ދަނީ ރަނގަޅަށް ތޯ އެ ކޮމިޓީތަކުން ވެސް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫގައި މިރޭ އޮތް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ޗެއާޕާސަނަކަށް ތިޔަބޭފުޅުން ހަމަޖައްސައިފި ނަމަ އެ ކޮމިޓީތައް ބަރާބަރަށް ހިނގާނެ. އެ ކޮމިޓީތަކުން ފަންނީ ލަފާ ހޯދައި އަޅުގަނޑުމެންގެ ޕާޓީ އާއި އަދި އަޅުގަނޑުމެންގެ ސަރުކާރު ހިންގައި އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ހަވާލުވާނެ ސަރުކާރުތަކުގައި ހިންގާނެ ޕްރޮގްރާމްތައް ރާވައި އެ ތަންފީޒު ކުރުމަށްޓަކައި އެ ކޮމިޓީތަކުގެ ބޭނުން އަޅުގަނޑު ފުރިހަމަ ގޮތުގައި ހިފާނެ ވާހަކަ ދަންނަވަން."
ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިލަންދޫގައި މިރޭ އޮތް ޖަލްސާގައި އޭނާގެ އިތުރުން އަންހެނުންގެ ގޮފީގެ ރައީސާއަކަށް ވާދަކުރައްވާ ރޮޒައިނާ އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޑީޕީގެ ވަރަށް ބޮޑު ތާއީދެއް އޮންނަ މިލަންދު އަށް ފައްޔާޒާއި އޭނާގެ ޓީމު މިއަދު ހަވީރު އައުމުން ވަރަށް ހޫނު މަރުހަބާއެއް އޭނާ ކިޔެވެ. ފައްޔާޒާއެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރަކާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 45 މެމްބަރަކު ވަޑައިގަތް ކަމަށް ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ފައްޔާޒުގެ ކެމްޕެއިން ފެށުމުގެ ވާހަކަ ނިންމަވައިލެއްވީ ސަޕޯޓަރުންނަށް އެއް ކަމެއްގައި ވަރަށް ބޮޑު ޔަގީންކަމެއް ދެއްވަމުންނެވެ. އެއީ އޭނާ އާއި އޭނާގެ ޓީމު އޮތީ ފަހަތަށް ޖެހިވަޑައިގަތުމެއް ނެތި ކުރިއަށް ދިއުމުގެ ޔަގީން ކަމެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި އެ ބޭފުޅުން ތިއްބެވީ "އައުޓް" ވާ ގޮތަކަށް ނޫނެވެ. އޭނާގެ އިބާރާތުން ނަމަ "މި ތިބީ ވަރަށް ރަނގަޅަށް އިން ވެލަން ތައްޔާރު ވެގެން" ނެވެ. ގައުމަށް އަނެއްކާވެސް އަނިޔާވެރިކަން އިޔާދަވާނެ ޖާގައެއް ނުދެއްވާނެ ކަަމށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަފުތައް އަލުން ރުކުވާލައި، އަޅުގަނޑުމެންގެ ހަރުގެތަކުން އަނެއްކާ ވެސް ކުރިން އެމްޑީޕީ ފެނުނު ގޮތް ދައްކާލަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ފަހަތަށް ޖެހުމެއް ނެތް. ފަހަތުން ކެހެރޭހާ ކެހެރުމަކަށް ބެލުމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދާނީ ކުރިއަށް. ކުރިއަށް ބާރަށް ކުރިއަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮވަނީ
26 February 2022
ނުހިގާނަނަ ހީވޭތަ ފައްޔާޒަށް މިނިސްޓަރކަމުގައި ހުރެވޭނެހެން.
އެހެން ބުނަން ހައްގު
26 February 2022
އެމްޑިޕީ މި ދިޔަ 3 ހިންގުންތެރި ވެރިއެއް ހުރިނަމަ’ މިހާރު ޕީޕީ އެމް އެއް ނޯންނާނެ. އެއީ ހަގީގަތް.
ފިކުރު
26 February 2022
މިދިޔަ 3 އަހަރު އެމް.ޑީޕީ ނިހިގާކަމަށް ބުނާއިރު އެކަމަށް ކުރިމަތިލާންވާނީ ހިންގޭވަރު މީހެކެވެ. އެހެންކަމަށްވާނަމަ މިދިޔަ 3 އަހަރު ގާނޫނާ ޚިލާފަ އުޅޭބިދޭސީން ހަމަޔަކަށް އަޅުވާނަމޭކިޔާފާ މިނިސްޓަރުކަމަށް ހަވާލުވެ، އެކަން ނުކުރެވިއްޖެއްޔާ އަމިއްލައަށް އިސްތިއުފާ ދޭންބުނެ އެކަން ވެސް ނުކުރެވުނު މީހަކަށް ދެން ކޮންޕާޓީއެއްތޯ ހިންގޭނެނީ ؟ ބުރޯ ހެދިގެން މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ނަޖާއިދުކޮށް އެއްޗެތި ދީގެންވެސް ނުހޮވޭނެއެވެ.
ދޮންމޮހޮނު
26 February 2022
ފައްޔާޒޫ ދިވެހިން ގައިގަ ފެންވަރަރު އެބަހުރި ތަ؟ ފައްޔާޒު ކޮންޤައުމަކުން ތޯ އައީ؟ ތަންކޮޅެއް ކުރިން ފައްޔާޒު ވިދާޅުވި ބޮޑެތި މާގާމުތަށް އަދާކުރެވާ ވަރުގެ ފެންވަރެއް ދިވެހިން ކިބައިގެ ނެތޯ... ހަމަދެން އަހާލީ...
ހުސްއިން ޝިނާން
26 February 2022
ތިބޭފުލުން ކަހަލަމީހުން އުޅޭތީ އަހަރުމެން ލަދުގަންނަނީ
އެމްސް
26 February 2022
ފައްޔާޒް އަކީ އުފެދުމުގަވެސް ފެއިލިއަރ އެއް! މިއޮތްފަދަ ތަޢުލީމީ ޒަމާނުގަ، ލޯޔަރަކު އެކޮނަމިކް މިނިސްޓަރަކަށް ހުރުން ވެސް އެއީ ފެއިލް އެއް! އެމްޑީޕީ ލީޑްކުރަން، އަންހެނަކަށް ފުރުސަތުދޭން ފައްޔާޒް ބޭނުމެއް ނޫން! އެހެންކަމުން ބަސްބަމުގުގަވެސް ފައްޔާޒްއަކީ ފެއިލިއަރއެއް! ބިދޭސީންނާއި ހެދި ނިކުމެއުޅެން ދަތިވާ ހިސާބަށް ގޮއްސައޮތް އޮތުން ހުއްޓުވުމުގަވެސް ފައްޔާޒް އަކީ ފެއިލިއަރ އެއް!
ކުޗީ
26 February 2022
ލަދުވެތި ވާން ޖެހުނު ސަބަބަކީ މިސަރުކާރު ގެ ދެފުއްދެގޮތްކަން ، ދޯހަޅި ސިޔާސަތުތަސް .. ތިބޭޅާ އަކީ މިނިސްޓަރެއް. ދެން ކީކޭތޯ ތިކިޔަނީ ...
ރަދީފްއޮފިޝިއަލް
26 February 2022
ހުރިހާ ކޮރަޕްޓްމީހުން ތިބީ ފައްޔާޒު ފަޅީގަ.އަނެއް ފަޅީގަ ތިބީ ކްލީން މީހުން.އެހެންވީމަ އެމްޑީޕީ މެމްބަރުން ނިންމާނީ ރަނގަޅަށް.
ޙަބީބު.
26 February 2022
ފައްޔާޒު އަޔަސް ދުވެލި ބާރެއްނުވާނެ ދުވެލި ބާރު ހަލުވި ކަމާއެކު ތަރައްގީ ފެނުނީ ޔާމީނު ވެރިކަމުގަ އެމްޑީއެން ރިޕޯޓު ނެރުނު މިހުންނައް ފިޔަވަލެއް ނެޅުނު މަހުލުފުވެސް ވަޒީރުކަމުގަ ނޮވެންބަރު 3 ފަސްއަޅާ ފޮރުވަފަ ދެން ރަނގަޅުވާނީ އިސްތިޔުފާ ދީފަ ގޮނޑި ދުއްވަން ދިޔުން
ފޫހި
26 February 2022
އިކޮނޮމިކް މިނިސްޓްރީއަކީ ކަޓް ނަގައިގެން ބިދޭސީން އިންވެސްޓަރުންގެ ނަމުގައި ބިދޭސީން އާބާދުކޮށް ބިދޭސީން ބާރުވެރި ކުރުވާބައެއް. ވޯކް ޕާރމިޓް ހެއްދުމަށް ހަމަސްވަރުވޭ. ޙިދުމަތް ވަރަށްކަޑަ. ފައްޔާޒު ވަނީ ފޭލްވެފަ.