މީހަކު ގެންގުޅޭ ގުރާތަކެއް.-- ފައިލް ފޮޓޯ: މިހާރު
01 މާޗް 2022 - 18:24
ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތި ކަނޑައެޅުމުގައި ބަލާނެ ރަސްމީ މިންގަނޑު ގަވާއިދުގައި ހިމަނާ މިއަދު އާންމުކޮށްފި އެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި، ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް ވަނީ އެ ގަވާއިދުގެ ޖަދުވަލަށް އިތުރުކޮށްފަ އެވެ.
ނެތިދިއުމުގެ ބިރުހީވެފައިވާ ތަކެތި ކަނޑައަޅާނެ މިންގަނޑެއް އާންމުކުރި އިރު، މިދިޔަ ހަފުތާގައި އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ މި މިންގަނޑުގެ ތެރެއިން "ނޭޝަނަލް ރެޑްލިސްޓް" ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ލިސްޓް އެކުލަވާލާއިރު، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި އަދި އެ ތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ، ގިންތިކުރާނީ މި މިންގަނޑަށް ބަލައިގެންނެވެ.
އެ މިންގަނޑުތައް ބަހާލާފައި ވަނީ 14 ކެޓަގަރީއަކަށެވެ. އެއީ؛
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް.
ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައަޅާނީ، "ގައިޑްލައިންސް ފޯ ޔޫޒިން ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ. ގިނަ ގައުމުތަކުގައި "ރެޑް ލިސްޓް" އެކުލަވާލަނީ އިންޓަނޭޝަނަލް ޔޫނިއަން، އައިޔޫސީއެންގެ އެ އުސޫލުތަކާ އެއްގޮތަށެވެ.
އައިޔޫސީއެންގެ ރެޑް ލިސްޓާ އެއްގޮތަށް ގިނަ ގައުމުތަކުން އަމަލުކުރަމުން އަޔަސް، ރާއްޖޭގައި މިހާތަނަށް އެފަދަ ލިސްޓެއް ނެތެވެ. އެކަމަކު، ރާއްޖެއިން މި ރެޑް ލިސްޓް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އެކަން ކުރަނީ ޔޫއެސް އެއިޑްގެ ހިލޭ އެހީގެ ދަށުން، އައިޔޫސީއޭންއާ ގުޅިގެންނެވެ.
ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތި ކަނޑައެޅުމުގައި ބަލާ މިންގަނޑު.
ރެޑްލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ވަނީ ފަންނީ ކޮމިޓީއެއް އުފައްދައިފަ އެވެ. އެ ކޮމިޓީގެ އިރުޝާދުގެ ދަށުން، ތިން ބާވަތެއްގެ ދިރޭ ތަކެތި އެސްއެސް ކުރުމަށް ތިން ވޯކިން ގްރޫޕެއް ވަނީ ހަދައިފަ އެވެ. އެއީ ވެލާ ކަހަނބާއި ކުޅީގައި ހެދޭ ގަސްތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެއްގެ އިތުރުން މުރަކަތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެކެވެ.
އެ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމެންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލާ އެވެ. އެ އެސެސްމެންޓުން އެނގުނު ގޮތުގައި އާދައިގެ ވެލަ އާއި ކަނހަބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ނުރައްކާތެރި ވަރަކަށް ބޮޑުވެފަ އެެވެ. ދެން ހުރި ބާވަތްތަކާ މެދު ގޮތެއް ނިންމަން އަދި އިތުރު ޑޭޓާ އެއްކުރަން ޖެހޭ ކަމަށް އެސެސްމެންޓްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
02 March 2022
ކޮބާތޯ ދޫނިތައް މެރި މިނިސްޓުރީ އާ އެތާގެވެރިން. ހަމަ މައްސަލަ ބަލަނީ ބަލަނީ ބަލަނީ ދޯ!
ޖުއްބާ
02 March 2022
އޭ މަބުނީ، ރައްރަށައް ބިސްއަޅަން އަރާ ވެލާ ކަހަނބާމެދު އަމަލުކުރާ ވަކި އުސޫލެއް ގަވާއިދެއް ރާއްޖޭގަ އޮވޭތަ؟!.... ނޫނީ އޭގެން އެއްޗެއް ގޮނޑުދޮށައް ބިސްއަޅަން އަރާއޮއްވާ ފެނިއްޖެޔާ ލަފުގަހިފާ ނަގާ މޫދައް ހޫރާލަންވީތޯ......
ކަކުނިބޯ
02 March 2022
ޜެޑްލިސްޓަށް ރައްޔިތުންމަޖްލީހުގައި އިން ހަމައެކަނި ދޫނި ހިމަނަންވާނެ