"މެރިން ސޭވާސް ޓާޓަލް ޕްރޮގްރާމް" ގެ ދަށުން ލޮކޭޝަން ދެނެގަނެވޭ ޑިވައިސް ހަރު ކުރުމަށް ފަހު ދޫކޮށްލި ވެލައެއް: ރާއްޖެއިން ވެލަ އާއި ކަނހަބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެފައިވާ ކަމަށް ދިރާސާ އިން ދައްކާ.
20 ފެބުރުއަރީ 2022 - 12:42
ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ "ރެޑްލިސްޓް" އެއް އެކުލަވައިލުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށާފައިވާއިރު، ވެލަ އާއި ކަހަނބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ފުރަތަމަ ދިރާސާގައި ބުނެފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި އުޅޭ ދިރޭ ތަކެތީގެ "ނޭޝަނަލް ރެޑްލިސްޓް" އެއް އެކުލަވައިލުމަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި އަދި އެ ތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ، ގިންތި ކުރެވޭނެ މަސައްކަތެއް ކަމަށެވެ.
ނެތިދިއުމުގެ ބިރު ހީވެފައިވާ ވަރު ދެނެގަތުމަށް ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ބޭނުންކުރަނީ ދިރޭ ތަކެތި ހިމާޔާތް ކުރުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ޔޫނިއަން، އައިޔޫސީއެންގެ "ރެޑްލިސްޓް އޮފް ތްރެޓްންޑް ސްޕީޝީޒް" އާއި އެ ޔޫނިއަނުން އެކަމަށް ތައްޔާރު ކޮށްފައިވާ އުސޫލެވެ. ގިނަ ގައުމުތަކުގައި އެ އުސޫލާ އެއްގޮތަށް ނޭޝަނަލް ރެޑްލިސްޓްތައް އެކުލަވާލައިފައިވެ އެވެ.
ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ ރެޑްލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
އައިޔޫސީއެންގެ ރެޑްލިސްޓާ އެއްގޮތަށް ގިނަ ގައުމުތަކުން އަމަލުކުރަމުން އަޔަސް، ރާއްޖޭގައި މިހާތަނަށް އެފަދަ ލިސްޓެއް ނެތެވެ. އެކަމަކު، ރާއްޖެ އިން މި ރެޑް ލިސްޓް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ކަން ކުރަނީ ޔޫއެސް އެއިޑްގެ ހިލޭ އެހީގެ ދަށުންނާއި އައިޔޫސީއޭންއާ ގުޅިގެންނެވެ.
ރެޑްލިސްޓް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ވަނީ ފަންނީ ކޮމިޓީއެއް އުފައްދައިފަ އެވެ. އެ ކޮމިޓީގެ އިރުޝާދުގެ ދަށުން، ތިން ބާވަތެއްގެ ދިރޭ ތަކެތި އެސްއެސް ކުރުމަށް ތިން ވޯކިން ގްރޫޕެއް ވަނީ ހަދައިފަ އެވެ. އެއީ ވެލާ ކަހަނބާއި ކުޅީގައި ހެދޭ ގަސްތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެއްގެ އިތުރުން މުރަކަތަކުގެ މައުލޫމާތު އެއްކުރާ ގްރޫޕެކެވެ.
އެ ގްރޫޕްތަކުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ ވެލާ ކަހަނބުގެ ފަސް ބާވަތެއްގެ އެސެސްމެންޓެވެ. އެއީ ބޯބޮޑުވެލާ، ވާވޮށިވެލާ، މުސިންބީ، ކަހަނބު އަދި އާދައިގެ ވެލާ އެވެ.
އެ އެސެސްމެންޓުން އެނގުނު ގޮތުގައި އާދައިގެ ވެލަ އާއި ކަނހަބު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ނުރައްކާތެރި ވަރަކަށް ބޮޑުވެފަ އެެވެ. ދެން ހުރި ބާވަތްތަކާ މެދު ގޮތެއް ނިންމަން އަދި އިތުރު ޑޭޓާ އެއްކުރަން ޖެހޭ ކަމަށް އެސެސްމެންޓްގައި ވެ އެވެ.
ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް އާދައިގެ ވެލާއާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.
ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައިވާއިރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވެ އެވެ.
މި ބާވަތް ނެތިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އެހެނިހެން މަސްވެރިކަމުގެ ތެރޭގައި އެ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުމެވެ. އަދި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ތަޣައްޔަރުވުމާއި ގަވާއިދާ ހިލާފަށް ވެލާ ހިފުމާއި އޭގެ ވިޔަފާރިކުރުން ވެސް ސަބަބެއްގެ ގޮތުގައި ހިމެނެ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް 3،982 ކަހަނބު ފެނިފައިވާއިރު، އެންމެ ގިނައިން ފެނުނީ އއ، ބ، ހއ އަދި ކ. އަތޮޅުންނެވެ. ކަހަނބުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ތެރޭގައި ލޭނުގެ މަސްވެރިކަމާއި ކަނޑުފަޅު ކިލަނބުވުމާއި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ފަރު ހަލާކުވުމާއި ރަށް ގިރުމާއި ގަވާއިދާ ހިލާފަށް އެ އެއްޗެހި ހިފާއި އޭގެ ވިޔަފާރީކުރުން ވެސް ހިމެނޭ ކަމަށް ދިރާސާގައިވެ އެވެ.
ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ތަކެތީގެ ރެޑްލިސްޓް ހެދުމަށް ކަހަނބާ ގުޅޭ ގޮތުން ކުރި ދިރާސާގެ ނަތީޖާ.
- 280 އަށް ވުރެ ގިނަ މުރަކައިގެ ބާވަތްތައް ހުރޭ.
- 1،200 އަށް ވުރެ ގިނަ މަހުގެ ބާވަތްތައް އުޅޭ.
- 40 އަށް ވުރެ ގިނަ ބާވަތްތަކުގެ މިޔަރާއި މަޑި އުޅޭ.
- 20 ބާވަތެއްގެ ކޯމަހާއި ފެހުރިހި އުޅޭ.
- ފަސް ބާވަތެއްގެ ވެލާ އުޅޭ.
- 200 އަށް ވުރެ ގިނަ ބާވަތުގެ ދޫނި އުޅޭ.
- ގަސްގަހާގެހީގެ 580 ބާވަތް ހުރޭ.
- 15 ބާވަތެއްގެ މެންގްރޫވް ގަސް ހުރޭ.
އެ އިން ކޮންމެ ބާވަތެއް ރާއްޖޭގައި ހުރި ސީދާ އަދަދު ދެނެގަތުމަކީ ދަތި ކަމަށް ވިޔަސް، އެ ތަކެއްޗަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އާބާދީއާ ގުޅޭ ތަފާތު ދިރާސާތަކުން އޭގެ އާބާދީ އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ ތަކެތި ނެތިދިއުމުގެ ބިރު ހީވެފައިވާ ވަރު ދެނެގަންނަނީ އެ އަންދާޒާތަކަށް ބަލައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
21 February 2022
ހެހެހެހެހެހެހެ
ބޮޑުމީހާ
21 February 2022
ކަނޑު ފަޅު ހިއްކަމުން، ރިސޯޓް ހަދަމުން، ބީޗްގެ ވަށައިގެން ބޮޑު ހިލަޖަހާފަ ދެން ވެލާ ކަހަނބު އިތުރު ވާނީ ކިހިނިއް؟
ޙުސްވީމަހުސްވީ
21 February 2022
ހުސްވުމުގެ ކުރިން ހިނގާ އަވަހައް ކަމާ!
ޖަންބުބިލަމަގު
21 February 2022
އާލާވިޔަނުދޭން އުޅޭ އެއްޗެހި (މެހި، މަދިރި) އާލާވުން ހުއްޓުވެނީކީ އެއްނޫން. ނެތިގޮސް ހުސްވާ ކަމައް ބުނާ އެއްޗެހި އާލާ ކުރެވެނީ އެއްނޫން. ކޯންޗެކޭ ކިޔަން ތަ ތި އުޅުއްވަނީ؟
ސީޒަން ޖެކުހަން
20 February 2022
ކޮންމެވެލައެއް ފަހަތުގާ ބަޑިހިފާފާ ފުލުހެއް ބަހައްޓާންވީ.
މެސީ1
20 February 2022
ވެލާ ހިފަން ހުއްދަ އޮންނައިރު ދުވާލަކު 3-4 ވެލާ ނަގާ. އޭރު ވެލާ މަދެއްނުވޭ. އެސޮރުމެން ބިސްއަޅާ ހުރިހާ ރަށެއްގަ ރިސޯޓު ހަދާފަ މިކިޔަނީ އެސޮރުމެން ނެތިދަނިއްޔޯ
ސެވަން
20 February 2022
އިންސާނުންނައް ހިމާޔަތެއްހަމަ ނެތީތޯ! ހިމާޔައްކުރަމުންގޮސް މިގައުމުގަ ކައިބޮއި އުޅެން ދަތިވެޖެ!
މުރުތަލޯ
21 February 2022
ތިކަމައް ތާއީދު!!!!
ގފސދަ
20 February 2022
ދޫނިކޮޅު މަރާލާފައި ދެން ކޮން ވެލައެކޭ މި ކިޔަނީ. ލަދު ކޮބާ.
ތަކުރުގެބޭގެބޮޑޭ
20 February 2022
ސުވާލަކީ މިއޮތްހާދުވަހު ވެލާހިމާޔަތްކޮށްގެން ނެރެވުނު ނަތީޖާއަކީ ކޮބައިހޭ.އެދެވޭނަތީޖާއަކަށް ނޮގޮސް މިވީކިހިނެތްހޭ. ދުނިޔޭގެ ތިމާވެށި ދިރާސާކުރާ ބައެއް އިލްމުވެރިން ބުނާގޮތުން އާބާދީއާއި މިކިޔާތަހުޒީބު ކުރިއަރަމުން ދިއުމާއި ދުނިޔެހަލާކުކޮށް ފަނާކުރުމާއި އޮތީ އެކަތި އަނެކައްޗަށް ގުޅިލާމެހިފައި. އަދިމިއިން އެއްކޮޅެއްވެސް ނުހުޢްޓުވޭނެ. ސްޓާފިސް ސްޓޯރީއަކުން ޖަމުއިއްޔާ އަކުން ނުވާނެ. ދުނިޔެފަނާވުމުގެ ޕްރޮސެސް ދާނީކުރިއަށް.
ހަންނާނ
20 February 2022
ވެލަޔާއި ކަނހަބަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މިޔަރު ކަމަށް އޮސްޓްރޭލިޔާ ގައި ކުރި ދިރާސާއކުން ދައްކާފައިވޭ. މިރާއްޖެއިންވެސް މިޔަރު ވެލައައް ހަމަލާދޭ މަންޒަރު ހަމަ ކޮންމެ ދުވަހަކުހެން މަސްވެރިންނަށް ފެނޭ. އަދި މިޔަރު ހަމަލާ ދިނުމުގެ ސަބަބުން ފިޔަ ބުރިވެފައި ނުވަތަ އައިބު ވެފައިވާ އެތައް މިޔަރަކާއި ކަހަނބެއް ފެނޭ. ވީމާ މޫދުން ދެކެން އެންމެ ބޭނުންވަނީ ވެލާ ކަަަަހަނބުތޯ ނުވަތަ މިޔަރުތޯ އެބަ ޖެހޭ ނިންމަން.