ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމުކުރަން ޗައިނާ ކުންފުންޏަކާއެކު އެންވާރަމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން 15 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ގާއިމުކުރާނެ ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ވައިސް ޕްރެޒިޑެންޓް ޑޮންގްޓިންގް ހޭ އެވެ.
މިނިސްޓްރީން ބުނީ އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އޭގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެ މަޝްރޫއުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.