ދިވެހި މަޝްހޫރު ފިލްމީ ތަރިއަކު އޭނާގެ ދެ އަންހެން ކޮއްކޮއެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޒުވާން ފިލްމީ ތަރި ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރި ކަމަށް ވަނީ އޭނާގެ ދެބެންގެ ދެ ދަރި ދެ އަންހެން ކޮއްކޮއަކާ އެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ތަންތަނަކުން ނުދެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މާލޭގައި ދެ އަންހެން ކޮއްކޮއަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނާ މައްސަލައެއް އެ ތަނުން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ ކަމުގައި ހިމެނެނީ ފިލްމީތަރިއެއް ކަމަަކަށް އެ ތަނަކުން ނުބުނެ އެވެ.
"އެއީ ފިލްމީ ތަރިއެއްތޯ ނުވަތަ ނޫންތޯއެއް އަޅުގަނޑުމެން ބުނާކަށް ބޭނުމެއް ނުވޭ. އެކަމަކު ތި ފަދަ ރޭޕްގެ މައްސަލައެއް އަންްނަނީ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މައްސަލަ ޖެންޑާ އަށް ހުށަހަޅާފައިވަނީ ވަކިވަކިންނެވެ.