ދެ އަންހެން ކޮއްކޮއަަކު ރޭޕްކުރި ކަމުގެ ތުހުމަތު އެޅިފައިވާ ދިވެހި ފިލްމީ ތަރީގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަނުން ޒުވާން ތަރީގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އުމުރުން 18 އަހަރު ނުފުރޭ، ދެބެންގެ ދެ ދަރި ދެ ކޮއްކޮއަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މަސްތުގެ ހާލަތުގައި ހުރެގެން އޭނާ ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނާ ބެހިފަ އެވެ. އަދި އެކަމުގައި އޭނާގެ ރަހުމަތްތެރިޔަކު ވެސް ބައިވެރިވި ކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ ކާކަށް ކަން "މިހާރު" އަށް އެނގުނަސް، ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ ނަން ހާމަކުރެވޭކަށް ނެތެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބަލަމުން އަންނަ ކަން އެ ދެ ތަނުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.
"އެއީ ފިލްމީ ތަރިއެއްތޯ ނުވަތަ ނޫންތޯއެއް އަޅުގަނޑުމެން ބުނާކަށް ބޭނުމެއް ނުވޭ. އެކަމަކު ތި ފަދަ ރޭޕްގެ މައްސަލައެއް އަންްނަނީ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.