ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދުވަސްނުފުރާ، ހަތް މަހުގައި ވިހެއި އެއްމާބަނޑު ދެ ކުދިން އިއްޔެ ނިޔާވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ބަރުދަނުގައި 800 ގްރާމް ހުރި އެ ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ ނިޔާވީ އިއްޔެގެ މެންދުރު ކަމަށެވެ. އެ ކުއްޖާ އޮތީ ވިހޭއިރު ވެސް ނިޔާވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ވަނަ ކުއްޖާ ނިޔާވީ، އެންއައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެގެ އިރުއޮއްސުނު ވަގުތުގަ އެވެ. ނަމަވެސް މަންމަގެ ހާލު ރަނގަޅެވެ.
"މި ހޮސްޕިޓަލުގައި [ދުވަސްނުފުރާ ވިހާ ކުދިންނަށް] ފަރުވާ ދެވޭނެ ވަސީލަތްތަކެއް ނެތް. އެހެންވެ، އެ ކުއްޖާ ފަރުވާ އަށް މާލެ ފޮނުވަން އުޅެނިކޮށް ނިޔާވީ،" އައިމިނަތު ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުން، އެ މީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންގަދަން ގއ. ވިލިނގިލިން ހޭނައްތާ ޑޮކްޓަރަކު ދަތުރު ފެށި ނަމަވެސް ތިނަދު އަށް އޭނާ ދިއުމުގެ ކުރިން ވިހާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.