ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ އެކު ރަސްމީ ދަތުރެއްގައި ފުރަން އެއާޕޯޓަށް ވަޑައިގަތްއިރު އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު)ގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާގެ ފުރުން ކެންސަލް ވެއްޖެ އެވެ.

މިނިސްޓަރާ އެކު ސްމިތު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ސާބިއާގައި އޮތް ޓޫރިޒަމް ފެއާއެއްގަ އެވެ. މިނިސްޓަރު މައުސޫމް ވަނީ ރޭ ފުރާވަޑައިގެންފަ އެވެ.

ސްމިތު މިއަދު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން އޮޅުން ފިލުއްވަން މިހާރު ހުންނެވީ ސިވިލް ކޯޓުގަ އެވެ.

"މިނިސްޓަރާ އެކު ފުރަން އެއާޕޯޓުގައި ހުއްޓައި އެނގުނީ، ސާފެއް ނުވޭ އަދިއެއް،" ސްމިތު ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ސްމިތު މި ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަންކުރެއްވީ ސެޕްޓެމްބަރު، 2019، ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ހަރަކާތްތަކާއި މުޒާހަރާތަކުގައި އެކި ފަހަރު މަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ.