ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެފަހުން ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރީ ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ނުބަލާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ހަތަރު މިލިއަން ރުފިޔާ އެ ޕާޓީން ދައްކަންޖެހެ އެވެ.

އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށް ފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. 

ހަތަރު މިލިއަން ރުފިޔާ ހޯދަން އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ކޯޓުގައި އޮއްވާ ޑީއާރްޕީގައި މެމްބަރުންގެ އަދަދު ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ އުވާލައިފަ އެވެ. 

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ދަރަނި ދެއްކުމަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތެވެ. އާމިރުގެ ދަރަންޏަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޑީއާރްޕީގެ ޒައީމަކަށް ހުންނެވި ދުވަސްވަރު ހަވާލުކުރި މަސައްކަތުން އުފެދިފައިވާ ދަރަންޏެކެވެ. 

ނަމަވެސް، ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ދަރަނީގެ ޒިންމާ އުފުލަންޖެހޭނީ ފަހުން އެ ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ނަޝީދު ކަމަށެވެ. އަދި 14 ދުވަސް ތެރޭގައި ހަތަރު މިލިއަން ރުފިޔާ ދައްކަން އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވެ އެވެ. 

އެކަމާ ގުޅިގެން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ނަޝީދު ވިދާޅުވި ގޮތުގައި އެ ހުކުމަށް އޭނާ އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ހުރެގެން އެކިއުމިލިއޭޓްވި ދަރަންޏެއް ނޯންނާނެ. އަޅުގަނޑު އައިސްފައި ދަރަންޏަށް ނެގި އެއްވެސް އެއްޗެއް ނޯންނާނެ. ޑީއާރުޕީގެ ފަރާތުން އަޅުގަނޑު ނެގި ދަރަންޏެއް ނޯންނާނެ. އަޅުގަނޑު އެއްވެސް މަސައްކަތެއް ދަރަންޏަށް ނުކުރުވަން. ކްރެޑިޓަކަށް ނުކުރުވަން،" ނަޝީދު ވިދާޅުވި އެވެ. 

ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން އާމިރަށް ދައްކަންޖެހޭ ދަރަނި ހައި ކޯޓުން ސާބިތުވިއިރު، ޑީއާރްޕީގެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ ނަޝީދެވެ. އެކަން ސިޓީއަކުން އިލެކްޝަން ކޮމިޝަނުން ވެސް ކޯޓަށް އަންގާފައިވާ ކަމަށާއި ނަޝީދު އެ ދަރަންޏަށް ޒިންމާވާން ޖެހެނީ އެހެންވެ ކަމަށް ހުކުމްގައިވެ އެވެ. 

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއަކުން ފަހުން ފައިސާ ދައްކާ ގޮތަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ޝަހްސީގޮތުން ޒިންމާވާނޭ މީހަކު ކަނޑައަޅައި، އެކަން އަނެއް ފަރާތަށް އަންގަންވާނެ އެވެ. އަދި ސިޔާސީ ޕާޓީން ހޯދި ހިދުމަތުގެ ނުވަތަ މުދަލަށް އަގު ދައްކަން އެއްބަސްވި ގޮތާއި އެކަމުގައި ޝަހްސީގޮތުން ޒިންމާވުމަށް ކަނޑައެޅި ފަރާތަކާއި އެ ފަރާތަކުން އެކަމަށް އެއްބަސްވިކަމުގެ އިގުރާރު އެ މުއާމަލާތެއް ހިންގާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. 

ނަމަވެސް 2009 ވަނަ އަހަރު އާމިރުއާ އެކު ޑީއާރުޕީން މުއާމަލާތްތައް ހިންގިއިރު އެފަދަ ގަވާއިދެއް ނޯވެ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިން އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީ 2011 ވަނަ އަހަރު ބައިބައިވިއިރު، އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަނި ހުއްޓެވެ. އޭގެ ތެރެއިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަންގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން ވެސް އެ ކުންފުނިން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.