ޅައިމަގު އަންހެނެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

‎ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އެ ރަށުން ވަނީ 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު، އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

ޅައިމަގު ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މިއަދު އެ ރަށުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން އެނގިފައިވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

"އެ އަންހެން މީހާގެ މޫނަަށް ކެމިކަލް ޖެހި ސަބަބެއް ސީދާ ނޭނގޭ. އެ މީހާ އަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިހާރު ވެސް ފަރުވާ ދެމުން އެބަގެންދޭ،" ކައުންސިލަރު ވިދާޅުވި އެވެ.

ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ‎ޖެހުމުން، ފަރުވާ ދޭން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނެވެ.

ޅައިމަގު ކައުންސިލްގެ ރައީސް ‎އަބްދުލްޣަނީ ކުރިން ވިދާޅީ އުމުރުން 50 ހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް އޭނާ ބުނާ ކަމަށެވެ.

‎"ހަލީމާ ދޮރު ހުޅުވާލުމާ އެކު އޭނާގެ މޫނަށް ކެމިކަލް ޖަހާފައި ފިލީ ކަމަށް އޭނާ ބުނަނީ. ގޭތެރެއަށް ވެސް އެ ކެމިކަލް އެޅިފައި ހުރި،" ކައުންސިލްގެ ރައީސް ވިދާޅުވެފައިވެ އެވެ.

‎އޭނާ ވިދާޅުވީ އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނު ނަމަވެސް ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވެފައި ހުރުމުން އެއީ ބާރުގަދަ އެއްޗެއްކަން އެނގޭ ކަމަށެވެ.

‎އަބްދުލްޣަނީ ވިދާޅުވީ ކެމިކަލް ޖެހީ ކާކުކަން ހަލީމާއަށް އެނގޭ ކަމަށް އޭނާ ބުނާ ކަމަށެވެ. އެކަމަކު "މަރާލަފާނެ ކަމުގެ ބިރަށް އެމީހާގެ ނަން ބުނަން ނުކެރޭނެ ކަމަށް" ހަލީމާ ބުނާ ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވެފައިވެ އެވެ.

‎"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ސިޔާސީ މާ ބޮޑު ދެކޮޅުވެރިކަމެއް ރަށުގައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

‎އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.