ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އދ.ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫންއެންއޯޑީސީ)ގެ ފަރާތުން ދިވެހި ކޯސްޓްގާޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މުހިންމު އާލަތްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
އެ އާލާތްތައް ހަދިޔާކުރީ މިއަދު ހަވީރު ހުޅުމާލެ ކޯސްޓްގާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލް ލަތީފް އާއި ޔޫއެންއޯޑީސީގެ ޕްރޮގްރާމް ކޯޑިނޭޓަރު ޕަލިން ރަސްމުސެން އަދި ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރާ ވެސް ބައިވެރިވެވަޑައިގަތެވެ.
އެ އެހީގެ ދަށުން ކޯސްޓްގާޑަށް ހަދިޔާކުރީ ދެ ރިބް އާއި އުޅަނދުތަކުގައި ނިޔަމި ކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއަނެސް އަށް ބޭނުންވާ ބައެއް އާލާތްތަކެވެ.
އެމްއެންޑީއެފުން ބުނީ ޖަޕާން ސަރުކާރާއި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ކޯސްޓްގާޑަށް ވޭތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތުން ވަރަށް ގިނަ އެހީތައް ދީފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގިނަ ވަސީލަތްތަކެއް ދީފައިވާ ކަމަށާއި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްދީފައިވާ ކަމަށް ބުންޏެވެ.
"މި ފަރާތްތަކުން ދެމުން އަންނަ އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ކޯސްޓްގާޑްގެ ގާބިލިއްޔަތުކަން އިތުރަށް ވަނީ ވަރުގަދަވެފައި،" އެމްއެންޑީއެފުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވަނީ ޖަޕާނު ސަރުކާރާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ހަނދާނީ ފިލާ ބަދަލުކޮށްފަ އެވެ. އަދި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ރިބް ދުއްވާލުމުގެ ޑެމޮންސްޓްރޭޝަނެއް ދައްކާލާފައިވެ އެވެ.