އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ގޭގެ ކޮޓަރި ތެރެއިން، އެސްޓީއޯ އިން އައިޖީއެމްއެޗަށް ވިއްކި ބާރުގަދަ ބޭސްތަކެއް ފެނިފައި ވިޔަސް އެ އެއްޗެހި ގެންދިޔަ ކަމަށް ލަމްހާގެ ފަރާތުން ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 19 ވަނަ ދުވަހު މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނި ނަމަވެސް އެއީ ގަސްތު މަރެއްކަން ފަހުން އެނގި އޭނާގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް ދައުވާކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.
މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާގެ މައްޗަށް ކުރަނީ؛
● އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
● އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން
● ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން
މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއަށް ކުރިން އިންކާރުކޮށްފައި ވާއިރު އަނެއް ދެ ދައުވާ މިއަދު އިއްވުމުން އެ ދެ ދައުވާ އަށް ވެސް އިންކާރުކުރާ ކަމަށް ލަމްހާގެ ވަކީލުން މިއަދު ކޯޓުގައި ވިދާޅުވި އެވެ. ދައުވާތަކަށް އިންކާރުކުރާ ކަމަށް ވަކީލުން ވިދާޅުވިޔަސް ދައުވާތައް ސާފު ނުވާ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހުސެން ފާއިޒް ރަޝާދު އެންގެވީ ދައުވާތައް ސާފުކޮށްދިނުމަށް ދައުލަތުން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްދީފި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ބެހޭ ގޮތުން ލަމްހާގެ ފަރާތުން ވަކީލުން ކުރިމަތިކުރި ސުވާލުތަކުގައި ލަމްހާގެ ކޮޓަރިން ފެނުނު ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނަކީ އައިޖީއެމްއެޗްގެ އެއްޗެއްކަން އެނގެނީ ކިހިނެއްތޯ އެހި އެވެ.
ދައުލަތުން ބުނީ މިއީ ހުއްދަ ލިބިގެން ހިންގާ ހޮސްޕިޓަލްތަކުގައި ނޫނީ ގެންގުޅުން މަނާ ބޭސްތަކެއް ކަމަށާއި މި އެއްޗެހި އައިޖީއެމްޗަށް ވިއްކީ އެސްޓީއޯ އިން ކަމަށެވެ. ލަމްހާގެ ކޮޓަރީގައި ހުރި ކަބަޑަކުންނާއި އަލަމާރިއަކުން ފެނުނު އިންޖެކްޝަންތަކުގައި ހުރީ އެސްޓީއޯ އިން އައިޖީއެމްއެޗަށް ވިއްކި އެއްޗެހީގެ ބެޗް ނަންބަރު ކަމަށާއި އެހެންވެ އެއީ އައިޖީއެމްއެޗްގެ އެއްޗެހިކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން އެ ބޭސްތައް ނެގުމުގެ ހުއްދަ ލަމްހާއަށް ނުދޭކަން ސާބިތުކޮށްދިނުމަށް އައިޖީއެމްއެޗްގެ ޑިރެކްޓަ ޖެނެރަލްގެ އީމެއިލްއެއް ވެސް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި މިއީ މީހަކު މަރާލަން ބޭނުންކުރެވިދާނެ އިންޖެކްޝަންތަކެކެވެ. އަދި މޭރީގެ ޕޯސްޓްމޯޓަމް ހެދި އިރު ސަކްސިނައިލްކޮލިންގެ އަސަރު ފެނުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދިފާއުން ވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތައް ގެންގުޅުން މަނާވަނީ ކޮން ގާނޫނަކުން ނުވަތަ ކޮން ގަވައިދަކުންތޯ ވެސް ސުވާލުކޮށްފަ އެވެ. ދައުލަތުން ބުނީ އެއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން، ހޮސްޕިޓަލްތަކުގައި ނޫނީ ގެންގުޅުން މަނާ އެއްޗެއް ނޫން ކަމަށާއި ލަމްހާގެ ކޮޓަރިއަކީ ހޮސްޕިޓަލެއް ނޫން ކަމަށެވެ.
ލަމްހާއަށް ބެޑްރެސްޓް ނުލިބޭ ކަމުގެ ޝަކުވާ
ލަމްހާގެ މައިބަދަޔަށް ލިބިފައިވާ އަނިޔާގެ ސަަބަބުން އޭނާ އަރާމުކުރަންޖެހޭ ކަމަށާއި ބެޑްރެސްޓް ދިނުމަށް ޑޮކްޓަރުން ލަފާ ދީފައި ވާއިރު ވެސް އެކަން ހަމަޖައްސައިނުދޭ ކަމުގެ ކަންބޮޑުވުން ވަކީލުން މިއަދު ވެސް ފާޅުކުރި އެވެ. ޖަލުގައި ބެޑްރެސްޓް ނުކުރެވޭނެ ކަމަށާއި އެތަނުގައި އެހީވާނެ މީހަކު ނުހުންނާނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
ލަމްހާގެ ބަލި ހާލަތާ ބެހޭ ގޮތުން ދިފާއުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ވަކީލުން ވިދާޅުވީ މިއީ ހުޅުވާލައިގެން ބާއްވާ ޝަރީއަތަކަށް ވާތީ އެ ވާހަކަތައް ދައްކަން ފަސޭހަ ނޫން ކަމަށާއި މީޑިއާގައި ރިޕޯޓްކުރާ ވާހަކަތަކުން ލަމްހާއަށް ޖަލުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އަދި ލަމްހާއާ ބެހޭ ކަންތައް ދިމާވާ ގޮތުގެ މައްސަލަ މިހާރު ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަކަން އަންގާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޝަރީއަތުގައި ލަމްހާއަށް ފުރުސަތު ދިނުމުން އޭނާ ބުނީ ރޭ ވެސް އޭޑީކޭ ހޮސްޕިޓަަލަށް ގެންގޮސް ކަށީގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި ފިޒިއޮތެރަޕީ ހަދަން ލަފާ ދީފައިވާ ކަމަށެވެ. އައިޖީއެމްއެޗަކީ މައްސަލައާ ގުޅުން ހުރި ތަނަކަށް ވާނީ އެތަނަށް ދާން ބޭނުން ނުވަނީ ކަމަށް ލަމްހާ ބުންޏެވެ.
މިއަދުގެ ޝަރީއަތް ނިންމާލީ ލަމްހާއަށް ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް ކަންކަން ހަމަޖެހުނުތޯ ބަލައި އެކަން ސާފުކުރުމަށް ފަހު ލިޔުމުން ފޮނުވަން ދައުލަތަށް އަންގަވަމުންނެވެ. އަދި އޭގެ ފަހުން ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.