ރާއްޖޭގެ ސްކޫލްތަކުގައި ވޮކޭޝަނަލް ތައުލީމު ފުޅާކުރުމަށް މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ރަޒްދީ ޖިޑިންއާ، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މެލޭޝިއާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި މިނިސްޓަރު އަންނަނީ އެ ގައުމުގެ ކޮލެޖު/ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދެވޭނެ އެހީތަކާ ގުޅޭ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިއުކޭޝަން ހަރުދަނާ ކުރުމާއި ތައުލީމީ ދާއިރާ ކުރިއަށް ގެންދިއުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ވާހަކަތައް ދައްކާފައި ކަމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، އެ ބައްދަލުވުމުގައި ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. އަދި މެލޭޝިއާގައި ތިބި ބެލެނިވެރިންނަށް ޕޭރެންޓް ވިސާ ހޯދުމުގައި ދަތިތައް ދިމާވާތީ، އެކަން ފަސޭހަކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ރަސްމީކޮށް ވޮކޭޝަނަލް ތައުލީމެއް ނުދެ އެވެ. ނަމަވެސް، އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެ އެވެ.