ސަރުކާރުން ނިންމާފައިވާ ގޮތަށް މާލެ ސަރަހައްދުން ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން މި މަސް ނިމެންވާއިރަށް ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި 5،000 ގޯތި ދޫކުރުމަށް އިއުލާނުކުރެއްވި ގޮތަށް އޭގެ ތެރެއިން މި ފަހަރު އިއުލާނުކުރާނީ 3،000 ގޯތި ކަމަށެވެ. ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަަށެވެ.
"މި މަސް ނިމުމުގެ ކުރިން ފުރަތަމަ 3،000 ގޯތި ދޫކުރުމަށް އިއުލާނު ކުރާނަން. އޭގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ނިމި އިއުލާނު ކުރާ ހިސާބުގައި އޮތީ. މިއީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން، ބިންވެރިކަން ހޯދައިދޭން ހިންގާ މަޝްރޫއުއެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ މީހުންނަށް ގުޅިފަޅާއި ހުޅުމާލެ އިން ދޫކުރަނީ 1،250 އަކަފޫޓުގެ ގޯއްޗެވެ.
ގޯތި ދޫކުރުމުގެ އިތުރުން މާލޭގެ މީހުންނަށް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.
މާލެ ހިމެނޭ ގޮތަށް، ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރައީސް ވިދާޅުވިގޮތުގައި އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ މީހުންނަށް އިން ވަކިކޮށް، ރޯނުދަމައި، ގޯތީގެ ފަތް ދިނުމަށް ފަހު އެވެ.