އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން، މެޓް ގާލާގައި ލައިގެން ހުރި މެރިލިން މަންރޯގެ އައިކޮނިކް ހެދުން އޭނާގެ އަތުން ހަލާކުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިދިޔަ މަހުގައި ބޭއްވި މެޓް ގާލާ އިވެންޓުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ދެއްކީ، އެ އިވެންޓަށް ކިމް ހެދިލައިގެން ހުރި ގޮތުގެ ވާހަކަ އެވެ. ކިމް އެ އިވެންޓަށް ދިޔައީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ މަޝްހޫރު އެއް ބަތަލާ ކަމަށްވާ މެރިލިންގެ އައިކޮނިކް ހެދުމެއް ލައިގެންނެވެ.
އެ ހެދުން ލުމަށްޓަކައި ކިމް ވަނީ ތިން ހަފުތާގެ ތެރޭގައި ހަތް ކިލޯ ލުއި ވެސް ކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ކިމް އަށް އަމާޒުވި އެވެ.
މެރިލިން މަންރޯގެ ކަލެކްޝަނުން ބުނީ އެ ހެދުމުގެ ބައެއް ތަންތަނުން ފަތި ވީދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، އެ ހެދުމުގެ ހުރި ބައެއް މާފުތައް ވެސް ހުރީ މިހާރު ނެއްޓިފައި ކަމަށް ބުންޏެވެ.
ކިމް އެ ހެދުން ލުމަށް ފަހު އަނބުރާ ދިންއިރުގައި ހެދުމަށް ހުރީ ގެއްލުން ވެފައި ކަމަށާއި އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ވެސް ކަލެކްޝަނުން ބުންޏެވެ.
މެރިލިންގެ އެ ހެދުމަކީ މަންރޯގެ ކަލެކްޝަންގެ ތެރެއިން މިހާރު ރައްކާކުރެވި ގައުމީ ހަޒާނާގެ ގޮތުގައި ހިމެނޭ އެއްޗެކެވެ. އެކަމާ ގުޅިގެން، އެ ހެދުން ލާން ބޭނުންވިޔަސް ވަރަށް ގިނަ ކަންކަން ފުރިހަމަވާން ޖެހެ އެވެ. އެ ކަލެކްޝަނުން ހެދުން ނަގައިދިނުން ކަހަލަ ކަންކަން ވެސް ކުރަނީ އެކަމަށް ހާއްސަ ސެކިއުރިޓީއަކުންނެވެ.
ކިމް މީގެ ކުރިން ބުނިގޮތުގައި އެ ހެދުން ލާފައި ވަނީ ހަމައެކަނި ފޮޓޯނެގުމަށެވެ. އެ ލައިގެން ތަނެއްގައި އިށީނުން އަދި ކެއުން ފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.