ސޯޝަލް މީޑިއާ ތަރި ކިމް ކާޑޭޝިއަން މެޓް ގާލާ އަށް އޭނާ މިފަހަރު ލީ ހެދުން ހެޔޮވަރުކުރަންވެގެން ތިން ހަފުތާ ތެރޭގައި ހަތް ކިލޯ ލުއި ކޮށްލުމުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އިއްޔެ ބޭއްވި މެޓް ގާލާ އަކީ ހޮލީވުޑްގެ އެންމެ ބޮޑު އެއް އިވެންޓެވެ. އެ އިވެންޓުގައި ކިމް ބައިވެރިވި އިރު، އޭނާ ވަރަށް ތަފާތުކަން ގިނަ ބަޔަކަށް ފާހަގަވި އެވެ.
އެއާ އެކު އެތައް ބަޔަކު އެކަމާ މެދު ސުވާލުކުރުމުން ނޫހަކަށް މައުލޫމާތު ދެމުން ކިމް ބުނީ، މެޓް ގާލާގައި ބައިވެރިވާން ބަރުދަން ލުއިކޮށްފައިވާ ކަމަށެވެ. އެހާ ބޮޑަށް ހިއްކާލީ، މިފަހަރުގެ މެޓް ގާލާގެ ހެދުމަށް ހަށިގަނޑު ހެޔޮވަރު ކުރަން ކަމަށް އޭނާ އެއްބަސްވި އެވެ.
މި ފަހަރުގެ ތީމުގެ ދަށުން ކިމް ލާފައި ވަނީ އެމެރިކާގެ ކުރީގެ ލެޖެންޑަރީ އެކްޓަރު މެރިލިން މަންރޯގެ ހެދުމެކެވެ. އެ ހެދުމަށް އެންމެ އިންސާފުވެރި ގޮތަކަށް ތައްޔާރުވާން ވެގެން ބަރުދަން ލުއިކޮށްލީ ކަމަށް ބުންޏެވެ.
"އެންމެ ފުރަތަމަ އެ ހެދުން ހެޔޮވަރު ކުރި އިރު ގަޔަށް ވަރަށް ބާރު. އެކަމާ ރޮވެން ވެސް ރޮވުނު. ދެން އެންމެ ފަހުން އަނެއްކާ ހަށިގަނޑު ހިއްކާލަން ނިންމީ،" ކިމް ބުންޏެވެ.
ނަމަވެސް އާންމުންނަށް އެކަން ކަމަކުނުދިޔަ އެވެ. ކިމްގެ މި އާދައިގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އާދަތައް ޕްރޮމޯޓުވެގެން ދާ ކަމަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ބުންޏެވެ. ފާޑުކީ މީހުންގެ ތެރޭގައި ނިއުޓްރީޝަނުންނާއި ޑައިޓީޝަނުން ވެސް ހިމެނެ އެވެ.
އާންމުންގެ ކަންބޮވުންތަކަށް ކިމް އަދި އެއްވެސް ރައްދެއް ނުދެ އެވެ.