މެޓް ގާލާ އަކީ އަބަދު ވެސް ފެޝަނުގެ ތެރެއިން ވަރަށް އާދަޔާހިލާފު ފަރުމާތަކެއް ފެންނަ އިވެންޓެކެވެ. އެހެންވެ ފެޝަން ޕޮލިހުން އެންމެ ބޮޑަށް ފާރަލާ އެއް އިވެންޓަކީ ވެސް މި އެވެ.
މި އަހަރުގެ މެޓް ގާލާ އަންގާރަ ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ފަށާފައިވާ އިރު، ފުރަތަމަ ދުވަހުގެ އިވެންޓުން ފެނުނު ހެދުންތަކުގެ ވާހަކަ ވަރަށް ގަދައަށް އަންނަނީ ދެކެވެމުންނެވެ. އަދި އެންމެ ގިނަ ބަޔަކު އަޅައިގަތް އެއް ފަރުމާ އަކީ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން ލައިގެން ހުރި ހެދުމެވެ. ކަޅު ހެދުމުގައި އޭނާ ހުރީ އެއްކޮށް ފޮރުވި ނިވާވެފަ އެވެ.
ކިމް އަކީ އަބަދު ވެސް ވަރަށް ނިވާކަން ކުޑަކޮށް ހެދުން އަޅާ މީހަކަށް ވިޔަސް މި ފަހަރު ހަށިގަނޑުން އެންމެ އިންޗިއެއް ވެސް ނުފެނެ އެވެ. އެކަމަކު ހެދުމުގެ ފަހަތުން ދެ ބަޔަކަށް ބިން މަތީގައި ދެމޭ ގޮތަށް ދިގު ފަސްބައި އޮތެވެ.
މި ފަހަރުގެ އޭނާގެ ކަޅު ހެދުމާ އެކު މޫނު ވެސް ނިވާވެ، ގައިގެ ހަމުން އެންމެ ތަންކޮޅެއް ވެސް ފެންނާކަށް ނެތެވެ. މި ހެދުން މެޓް ގާލާގައި ބޭނުންކުރުމުގެ ކުރިން ސޯޝަލް މީޑިިއާގައި ކިމް ހެދުމުގެ ފޮޓޯތައް ވެސް އާންމުކުރި އެވެ.
"ސެލެބްރޭޓިން އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން" ގެ ތީމަށް މި އަހަރު ކުރިއަށް ގެންދާ މެޓް ގާލާގައި ކިމް ބޭނުންކުރި ކަޅު ހެދުން ފަރުމާކުރީ މަޝްހޫރު ފެޝަން ކުންފުނި ބެލެންޝިއާގާގެ ކްރިއޭޓިވް ޑިރެކްޓަރު ޑެމާ ވެޒާލިއާ އެވެ.
އެ ހެދުމާ އެކު ކިމް ފެނުނު ގޮތަށް އެތައް ބަޔަކު މިހާރު އަންނަނީ މީމްތައް ހަދައިގެން ސޯޝަލް މީޑިއާގައި ޖޯކް ޖަހަމުންނެވެ.
ކިމް ހެދުމުގެ ވާހަކަ އަކީ އަދި އެންމެ ސެލެބްރިޓީއެއްގެ ހެދުމުގެ ވާހަކަ އެވެ. އަންތަރީސްވާ ވަރުގެ ކިތަންމެ ފަރުމާއެއް މެޓް ގާލާގެ ފުރަތަމަ ދުވަހުން ވެސް އެކަނި ފެނިފައިވެ އެވެ.
މި ފަހަރުގެ އިވެންޓަކީ މިދިޔަ އަހަރު ކޮވިޑާ ހެދި މެދުކެނޑުމަކަށް ފަހު މެޓް ގާލާ އަށް ސެލެބްރިޓީން އައި ފަހަރެކެވެ. މެޓް ގާލާ އިވެންޓް ބާއްވަމުން އަންނަނީ 1948 އިން ފެށިގެންނެވެ.