ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ޚިލާފުވި އެ ޕާޓީގެ ފަސް މެމްބަރަކަށް މިއަދު ފިޔަވަޅު އަޅައިފި އެވެ.
މިކަން ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "މިހާރު"އަށް ކަށަވަރު ކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަސް މެމްބަރުންނާ މެދު ފިޔަވަޅު އެޅީ ޕާޓީގެ ޕީޖީން ނެރުނު ތްރީ ލައިން ވިޕާ ޚިލާފުވެވަޑައިގެންފައިވާތީ އެވެ.
"އަސާސީ ގަވާއިދުގައި ބުނާ ފުރަތަމަ ފިޔަވަޅު އެ ފަސް މެމްބަރުންނަށް އަޅައި ސިޓީ ފޮނުވާފައި މިއަދު ވަނީ،" އަސްލަމް ވިދާޅުވި އެވެ.
ފިޔަވަޅު އެޅުއްވި މެމްބަރުން
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
- ތިނަދޫ ދެކުނު އަބްދުﷲ ސަނީފް
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
- ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު
- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުން ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ. ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވާ ނަމަ، އެއަށް ވުރެން ހަރުކަށި ފިޔަވަޅުތައް އެޅެ އެވެ.
ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ އެމްޑީޕީން މިހާރު އަޅާ ފިޔަވަޅުތައް
- ފުރަތަމަ ނަސޭހަތް ދިނުން.
- ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން.
- ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ.
- ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން.
- ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުން.
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ތްރީ ލައިން ވިޕް އެމްޑީޕީގެ ޕީޖީން ނެރެ މަޖިލީހުން ފާސްކުރީ، އޭނާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން އަނބުރާ ފޮނުވާލަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. އެ ފަސް މެމްބަރުން ތަބާވީ ޖުޑިޝަރީ ކޮމިޓީގެ ނިންމުމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ށ،ގެ ދަށުން ފަނޑިޔާރު ހަމީދު މަގާމުން ވަކިކުރަން ޕީޖީ ގްރޫޕުން ވިޕް ނެރުނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެކަމަކު މަޖިލީސް ވޯޓުގައި އެ ވޯޓުގައި އެ ފަސް މެމްބަރުން ވެސް ވިޕާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ގަވާއިދުގައި އޮންނަނީ ތްރީ ލައިން ވިޕެއް ނެރެފި ނަމަ މަޖިލީހަށް ހާޒިރުވެ ކަނޑައަޅާފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވުމަށެވެ. ޕީޖީގެ ލީޑަޝިޕަށް ގަބޫލުކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މަޖިލީހަށް ހާޒިރުނުވުމަކީ ކުށެއް ކަމަށް ގަވާއިދުގައިވެ އެވެ.
އެހެންވެ ފިޔަވަޅެއްގެ ގޮތުން ފަސް މެމްބަރުންނަށް މިއަދު ވަނީ ނަސޭހަތްތެރިވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި 65 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ފަސް މެމްބަރަކަށް ވިޕްލައިނާ ހިލާފުވެވަޑައިގަތުމުން ފިޔަވަޅު މިއެޅީ އަލަށް ކަން އެނގިފައިވެ އެވެ. މީގެ ކުރިން އެފަދަ ފިޔަވަޅެއް އެޅި ކަމެއް މީޑިއާއަށް އެނގިފައެއް ނުވެ އެވެ.
މި ފިޔަވަޅު މި އެޅީ ޕީޖީ ގްރޫޕްގައި ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ކަމުގެ ކަންބޮޑުވުންފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ 19 މެމްބަރަކު ވިޕްލައިނާ ހިލާފުވާނެ ކަމަށް ފާޅުގައި ވިދާޅުވެފައި ވަނިކޮށެވެ.
އެކަމަކު މިއީ މަޖިލިސް މެމްބަރުންނަށް އަމަލުކުރެއްވޭނެ ގޮތެއް ނޫން ކަމަށާއި ތަކުރާރުކޮށް ވިޕާ ހިލާފުވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އަސްލަމް އޮތީ ދެއްވައިފަ އެވެ. މެމްބަރުން ވިޕާ ޚިލާފުވިޔަ ނުދިނުމަށް ގަވާއިދު އިސްލާހުކޮށް، ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވާ ނަމަ ދެން އޮންނަ ދައުރެއްގެ ޓިކެޓް ނުދޭ ގޮތަށް ގަވާއިދު އިސްލާހުކުރަން ހުށަހަޅަން ވެސް އަސްލަމް ގެންދަވަނީ ވިސްނަވަމުންނެވެ.