އަންނަ އަހަރު އަށް ރަށެއްގައި 600 ހައުސިން ޔުނިޓް އަޅަނީ

އަންނަ އަހަރު އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ރަށްތަކުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ހައުސިން ޔުނިޓުތައް އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 2017 ވަނަ އަހަރުގެ ކުރީކޮޅުު އަށް ރަށުގެ 600 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން ޔުނިޓު އަޅާ ރަށްތައް:

- ށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓު

- ބ. އޭދަފުށި 100 ހައުސިން ޔުނިޓު

- ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު

- ދ. މީދޫގައި 50 ހައުސިން ޔުނިޓު

- ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު

- ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު

- ރ. މަޑުއްވަރީގައި 50 ހައުސިން ޔުނިޓު

- ސ. ފޭދޫގައި 100 ހައުސިން ޔުނިޓު

މިނިސްޓަރު ވިދާޅުވި ގޮތުގައި ހައުސިން ޔުނިޓް އެޅުމަކީ އެ މިނިސްޓްރީން އަންނަ އަހަރު ކުރިއަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫ އެވެ.