ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކައިފި، ވަރަށް އަވަހަށް އެއްބަސްވުން ހަދަނީ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މާޗް މަހު މަސައްކަތް ނިންމި ފްލެޓްތައް ހަވާލުނުކޮށް ލަސްކުރީ ސަރުކާރުން ދައްކަން ޖެހޭ 278 މިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް މަޝްރޫއު ކުރިއަށް ގެންދިޔަ އެޕެކްސް ރިއަލްޓީ ކުންފުނިން ވަނީ ބުނެފަ އެވެ.

އަަރަބިއްޔާ ބިމުގައި 90 ފްލެޓް އަޅާފައިވާއިރު ގާކޮށި ބިމުގައި އިމާރާތްކުރީ 190 ފްލެޓެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ވަނީ ފްލެޓްތަކުގެ ފައިސާގެ ކަންކަން ހަމަޖައްސާދީފައި ކަމަށެވެ. އެކަމަކު އެއީ ކޮން އިދާރާއެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދައްކަން ތައްޔާރަށް ތިބި މީހުންނާ އެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަަރަށް އަވަހަށް އެއްބަސްވުން ހަދަން ފަށާނެ ކަމަށެވެ.

"އެގޮތަށް އެއްބަސް ނުވެވުނު ފަރާތްތަކަށް ސަރުކާރުން ވިސްނަނީ ހުޅުމާލެ އިން ފްލެޓް ހަމަޖައްސައިދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ދޭން ސަރުކާރުން މިހާރު ނިންމާފައި ވަނީ ފަސް އަހަރު ތެރޭ ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އެއީ މަހަކަށް 33،000ރ.ގެ ޖެހޭ މިންވަރެކެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.

މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ފައިސާ ދެއްކުމުގައި އެ ފަރާތަކަށް ފަސޭހަވާނެ ގޮތަކަށް ފައިނޭންސިން ކަންކން ހަމަޖެއްސިދާނެ އެވެ. އަދި ފައިސާ ދައްކަން ބޭންކަކުން މޯގޭޖް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މަހަކަށް 33،000ރ. ދައްކަން ސަރުކާރުން މަޖުބޫރުނުކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތައް ލިބޭނެ މީހުން ހޮވައި ލިއުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ލިބޭ ފްލެޓް ކަނޑައަޅަން އަދި ގުރުއަތެއް ނުނަގަ އެވެ. އެ ފްލެޓްތަކުގައި މި މަހު ދިރިއުޅެން ފަށާނެ ކަމަށް މުއިއްޒު މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.