ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓެއް މިއަދު ކުރިއަށް ދަނިކޮށް ފުލުހުންގެ ލައިން ފަޅާލައި ދިދަތަކާ އެކު އަރައިގަނެ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ބިރުދައްކައި އިންޒާރު ދީ ހިންގި ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތައް ރޭ ފަތިހު ނެރުނީ ޕީޕީއެމްގެ އޮފީހުން ފެންނަ ފޮޓޯތަކެއް އާއްމުވެއްޖެ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕީޕީއެމްގެ ރަސްމީ އޮފީހުން ދިދަތައް ނެރެ ބައެއްގެ އަތަށް ދެނީ ފަތިހު، ފަހެއް ޖެހިއިރެވެ. އެއްވުން ބާއްވަން އޮތީ ހެނދުނު ހައެއް ޖެހިއިރެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވުމެއް ނުވަތަ ޖަލްސާއެއް ރޭވި ކަމެއް މިހާތަނަށް އެ ޕާޓީން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އެ ޕާޓީން ބާއްވާ ހަރަކާތެއް ނަމަ، އާއްމު މެމްބަރުންނަށް މެސެޖް ދިނުމުގެ ގޮތުން ކުރިން އަންގަ އެވެ.
ޔޯގާ އިވެންޓް ހުއްޓުވަން ގޮވާލި އެއްވުމުގައި ހިފައިގެން ތިބީ، ރަސޫލާގެ ދިފާއުގައި މާލޭގައި ބޭއްވި އެއްވުމަށް ފަހު ޕީޕީއެމުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ. ހުދު ކުލައިގެ ދިދައިގައި ހުރީ ޝަހާދަތުގެ ދެކަލިމަ ލިޔެފަ އެވެ.
ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރުނަސް ހިފައިގެން ތިބި މީހުންގެ ތެރޭގައި އެ ޕާޓީގެ ހަރަކާތްތަކުގެ އިސް ސަފުން ފެންނަ އިސް އެކްޓިވިސްޓަކު ނުފެނެ އެވެ.
ކޮންމެ އަހަރެއްގެ ޖޫން، 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި އދ. އިން 2014 ގައި ކަނޑައެޅި ފަހުން ކޮންމެ އަހަރަކު ރާއްޖޭގައި ވެސް ޔޯގާ ހަރަކާތެއް ބާއްވަ އެވެ. ސޯޝަލް ސެންޓަރާއި ރަސްރަނި ބަގީޗާގައި ވެސް މީގެކުރިން ބާއްވާފައިވާ އިރު ވޭތުވެދިޔަ ސަރުކާރުތަކުގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި އަހަރުގެ ހަރަކާތް ހިންގަން ރޭވީ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެންނެވެ. މި އިވެންޓު އޮންނަ ކަމުގެ މައުލޫމާތު އާއްމުވުމާ އެކު ސޯޝަލްމީޑިއާގައި ބަޔަކު ނުރުހުންފާޅުކުރި އެވެ.
ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ހުއްދަ ނުދިނީ އެކަން ބާއްވަން އާއްމުން ދެކޮޅު ހަދަމުންދާ ކަމަށް ބުނެ އެވެ.
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ގަލޮޅު ދަނޑުގައި ބާއްވަން ނިންމުމާ އެކު ރެ އިން ފެށިގެން އެކަން ހުއްޓުވަން ބަޔަކު ދިޔައީ ގޮވާލަމުންނެވެ. ޔޯގާ ދަނޑުގައި ފެށިއިރު ބަޔަކު ތިބީ އެ ސަރަހައްދަށް އެއްވެ އެވެ.
ބެރިކޭޑް ޖަހައި އެ މީހުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބުމުން ފުރަތަމަ ތިބީ އަޑު އުފުލަން އެ ސަރަހައްދުގަ އެވެ. އޭގެ ފަހުން ﷲ އަކްބަރު ގޮވަމުން ދަނޑުތެރެއަށް ވަދެ ގަނެ، ހަމަނުޖެހުން ހިންގީ އެވެ.
އެތަނަށް ވަން މީހުން ވަނީ އެ އިވެންޓަށް ސައި ހަދާފައި ވަނިކޮށް އެތަންމިތަނަށް ކާއެއްޗެހި ވެސް އުކާލައިފަ އެވެ. އޭރު ޔޯގާ މެޓު މަތީގައި ތިބި މީހުން ބިރުން ދުވެފައިވާ ދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
"މި ތަނުން ނުކުމޭ"، "ﷲ އަކްބަރު" ގޮވަމުން އެ މީހުން ވަނީ ޔޯގާ ހަދަން ތިބި ބައެއް މީހުންގެ ކައިރި އަށް ގޮސް އިންޒާރު ވެސް ދީފަ އެވެ.
އެ އިވެންޓުގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ރާއްޖޭގައި ތިއްބެވި އިންްޑިއާގެ ބައެއް ޑިޕްލޮމެޓުން ވެސް ތިއްބެވި އެވެ.
ދަނޑަށް ވަދެގަތް މީހުން މައިތިރިކުރީ ފުލުހުން ގޮސް ޓިއާ ގޭސް ޖަހައިގެންނެވެ. ނަމަވެސް ދަނޑަށް ވަން މީހުން ވަދެގަތް ގަޑީގައި އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. ދަނޑަށް ވަން މީހުން ހުއްޓުވަން ފުލުހުންގެ ފައުޖެއް ދިޔައީ ފަހުންނެވެ.
މި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.