މިއަދު ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅުވައިގެން، ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނުގައި ހަމަނުޖެހުން ހިންގަން ބަޔަކު ވެއްދީ ސަރުކާރުން ރާވައިގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި އެ ހަރަކާތަށް ވަދެ، ހަމަނުޖެހުން ހިންގަން ވަން މީހުން ބައެއް އާލާތްތައް ގެންދިޔައީ ޕީޕީއެމްގެ އޮފީހުން ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެއީ އެ ޕާޓީގެ އަގު ވައްޓާލަން ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި ޕީޕީއެމުން ހިންގާ ހަރަކާތްތައް ހިންގަނީ ދުރާލައި ރާވައިގެން ކަމަށާއި އެ ހަރަކާތްތައް ބާއްވާކަން އިއުލާން ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މި ކަމުން އެނގެނީ ދިވެހި ސަރުކާރު ފެއިލް ވެފައި އޮތް މިންވަރު. ނޫން ނަމަ ކިހިނެއްތޯ ގަލޮޅު ދަނޑަށް ގޮސް މީހުންތަކެއް ވަދެގަންނާނީ؟ ޕީޕީއެމްގެ ހަރަކާތްތަކުގެ ކުރިން މާރާމާރީ ހިންގަފާނެ ކަމަށް ބެލެވޭތީ ކަމަށް ބުނެ އެބަހުރި ހުއްޓުވާފައި،" އަދުރޭ ވިދާޅުވި އެވެ.

ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ
ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ

އޭނާ ވިދާޅުވިގޮތުގައި، މިއަދުގެ ހަމަނުޖެހުމުގެ އިންޓެލް މައުލޫމާތު ލިބި، އެ ކަން ނުހުއްޓުވީ ޕީޕީއެމްގެ ބޮލުގައި އެޅުވުމުގެ ބޭނުމުގަ އެވެ. އަދި ތަހުގީގު މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި ތަހުގީގު އަވަސް ކުރަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ. ތަހުގީގަށް ޕީޕީއެމުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ހަމަނުޖެހުން ހިންގަން ބައެއް އާލާތްތައް ގެންދިޔައީ ޕީޕީއެމްގެ އޮފީހުން ކަމަށް ބުނެ ފުލުހުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ފުލުހުން އާންމުކުރި މައުލޫމާތު އޭގެ ކުރިން އިންޑިއާގެ ނޫސްތަކުގައި އޮތް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ސަލަފްގެ ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން، އަދުރޭ ވިދާޅުވީ މަހުލޫފަކީ "ހަމައިގައި ހުރި މީހެއް ނޫން" ކަމަށާއި އޭނާ ދައްކަވާ ވާހަކަ ގަބޫލުކުރަން ނުވާނެ ކަމަށެވެ.

"މަހުލޫފު މީޑިއާގައި ބުނެފައި އޮންނާނެ ތިމަންނަ އެމްޑީޕީ އަށް ގެންދަން ޖެެހޭނީ ހޭނައްތައިގެންނޭ. ހަމަ ހޭ އަރާ އިރަށް ހުންނާނީ އެ ޕާޓީ ދޫކޮށް ނުކުމެގެން އައިސްފައޭ. އެހެންވީމާ ފުރަތަމަ ކަމަކަށް އޭނާ އެ ހުރީ ހަމަހެޔަކު ނޫން،" އަދުރޭ ވިދާޅުވި އެވެ.

"މަހުލޫފު ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮ ނުވާނެ. މަހުލޫފު މީޑިއާގައި ބުނެފައި އޮންނާނެ ތިމަންނަ އެމްޑީޕީއަށް ގެންދަން ޖެެހޭނީ ހޭނައްތައިގެންނޭ. ހަމަ ހޭ އަރާ އިރަށް ހުންނާނީ އެ ޕާޓީ ދޫކޮށް ނުކުމެގެން އައިސްފައެ. އެހެންވީމަ ފުރަތަމަ ކަމަކަށް އޭނާ އެހުރީ ހަމަ ހެޔަކު ނޫން،" -- އަދުރޭ

އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ވަރަށް ބޭނުންވާ ކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނުން އެ ހަރަކާތް ނުހުއްޓާނެ ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާ ގައުމުން ބޭލުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ޔޯގާގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ބަޔަކު ވަދެ އަރައިގަންނައިރު ފުލުހަކު އެ މީހުން ހުއްޓުވަން ދުވަނީ.
ގަލޮޅު ދަނޑުގައި މިއަދު ޔޯގާގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް، އެ ތަނަށް ބަޔަކު ވަދެ އަރައިގަންނައިރު ފުލުހަކު އެ މީހުން ހުއްޓުވަން ދުވަނީ.

ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން އިންޓާނަލް ރިވިއުއެއް ހަދަމުންދާކަން ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ، އެ ކަމުގައި އިހުމާލުވެފައިވާ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އަދި ގަލޮޅު ދަނޑަށް ބަޔަކަށް ވަދެވުނީ އެ ކަން ކުރަން ފުރުސަތު ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝެއިހް އިމްރާން އިސްކޮށް ހުރީ. ޔޯގާއާ ދެކޮޅު ވީ ކަމަށް ވެދާނެ،" އަދުރޭ ވިދާޅުވި އެވެ.

މިއަދު ހެނދުނު 6:30 ގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، "ﷲ އަކްބަރު" އޭ ގޮވަމުން ބަޔަކު އެ ތަނަށް ވަދެގަނެ، އަޑުގަދަކުރަން ފެށުމުން ޔޯގާ ހަދަން ތިބި މީހުން ބިރުން ދުއްވައިގަތީ އެވެ.

ދަނޑަށް މީހުން ގޮސް ވަދެގަތްއިރު އެ ތަނުގައި ތިބީ ހައެއްކަ ފުލުުހުންނެވެ. ނަމަވެސް ފަހުން ފުލުހުންގެ ބޮޑު ފައުޖެއް ގޮސް ކަރުނަ ގޭސް ޖަހައި އެ މީހުން ވަނީ މައިތިރިި ކޮށްފަ އެވެ. އަދި މި ހަމަނުޖެހުމާ ގުޅިގެން މިހާރު ހަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.