ފަޔާޒްގެ ޝަރީއަތް އެމްއެންޑީއެފުން އެދިގެން ސިއްރުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލައިގައި، އޭރު މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުރި، ކާނަލް (މިހާރު ކެޕްޓަން) އަހުމަދު ފަޔާޒް (ޕާޕާ)ގެ މައްޗަށް ކުރާ ދަައުވާގެ މިއަދުގެ އަޑުއެހުން އެމްއެންޑީއެފް އިން އެދިގެން ސިއްރުކޮށްފި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހު ހިންގި އެ ހާދިސާއާ ގުޅިގެން ފަޔާޒުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެ ހާދިސާ އަށް ފަހު ފުލުހުން އެ ލޯންޗަށް އެރުން މަނާކޮށްފައިވާތީ އާއި މުހިންމު ހެކިތަކެއް ނައްތާލާފައިވާ ކަމަށް ބުނެ އެވެ. ފަޔާޒްގެ އިތުރުން ސިފައިންގެ ދެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.

އެ މައްސަލައިގެ މިއަދު ހެނދުނު ބޭއްވި އަޑުއެހުން އެމްއެންޑީއެފުން އެދިގެން ސިއްރުކުރީ އެ އަޑުއެހުމުގައި އެކްސްޕާޓަކު ހާޒިރުކޮށް، އޭނާގެ ބަސް ހޯދަން ނިންމާފައި ވަނިކޮށެވެ.

ފަޔާޒަކީ ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ވެރިޔާގެ މަގާމާއި ބަޑި ގުދަނުގެ އިސް ވެރިއަކަށް ވެސް ހުރި މީހާ އެވެ. އެކަމަކު އެ ހާދިސާ އަށް ފަހު އޭނާ ވަނީ އެ ދެ މަގާމުން ދުރުކޮށް، މަގާމު ވެސް ދަށްކޮށްފަ އެވެ.