ފަޔާޒްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިއްޖެ، ހުކުމް ކުރާނެ ދުވަހެއް ނޭނގޭ

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.


އެ މައްސަލާގައި ފަޔާޒާއި ސިފައިންގެ ދެ މީހުން ކަމަށްވާ އަހުމަދު ތިހާމާއި މޫސާ ޒަމީރުގެ މައްޗަށް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި މުހިންމު ހެކިތަކެއް ނައްތާލި ކަމަށް ބުނެ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. ފަޔާޒަށް ދައުވާކުރަނީ އެ ހާދިސާގެ ތަހުގީގަށް އެ ލޯންޗަށް އަރަން ދިޔަ ފުލުހުންނަށް އޭނާ ހުރަސް އެޅި ކަމަށް ބުނެ އެވެ. ތިހާމާއި ޒަމީރުގެ މައްޗަށް ދައުވާކުރަނީ އެ ހާދިސާ ހިނގުމުން އެ މީހުން ލޯންޗަށް އަރައި، މުހިންމު ހެކިތަކެއް ނައްތާލި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލިޔަސް ހުކުމް ކުރާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ.

ދައުވާލިބޭ ތިން މީހުންގެ ފަރާތުން ވެސް ބުނަމުން ދިޔައީ ދައުވާގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށާއި ދައުވާލިބޭ މީހުން އެދުވަހު މަސައްކަތް ކުރީ ސިފައިންގެ އިސްވެރިންގެ އަމުރަށް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ އުސޫލެއް ނުވަތަ ގަވާއިދެއް ސިފައިންގެ ތެރޭގައި ނެތް ކަމަށާއި އެހެންވެ ގާނޫނުލް އުގޫބާތުގެ ދަށުން ހުއްދަ ދިފާއުއެއް ދައުވާލިބޭ މީހުންނަށް އޮތް ކަމަށް އެ މީހުންގެ ފަރާތުން ބުންޏެވެ.

ދައުވާލިބޭ ތިހާމާއި ޒަމީރު ކޯޓަށް ވައްދަނީ: --މިހާރު ފޮޓޯ/ނިޝާން އަލީ

އެކަމަކު ދައުލަތުން ބުނީ ލިޔެފައިވާ އުސޫލެއް ނެތަސް އާންމުކޮށް އަމަލުކުރާ އުސޫލާއި ޚިލާފަށް ދައުލަތުން އަމަލުކުރި ކަމަށާއި އެހެންވެ އެ މީހުން ކުށްވެރިވާނެ ކަމަށެވެ.

އެ ހާދިސާގެ ކުރިން ފަޔާޒަކީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެސް ވެރިޔާ އެވެ. އެކަމަކު އެ ހާދިސާ ހިނގުމާ އެކު ފަޔާޒް ވަނީ އެ މަގާމުތަކުން ވަކިކޮށް، ކާނަލެއްގެ ރޭންކުން ކެޕްޓަނެއްގެ ރޭންކަށް ވެސް ދަށްކޮށްފަ އެވެ.

ފިނިފެންމާގައި އެއްޗެއް ގޮއްވާލުމުގެ އަޑީގައި ހުރިކަން ސާބިތުވާތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑަކު ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ދެ ބޮޑީގާޑުންގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ