ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ މަޖިލީހުގެ ރައީސަށް އަންގައިދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މެމްބަރެއްގެ މައްސަލައެއް ބެލި ނަމަވެސް، އާއްމު އުސޫލެއްގެ ގޮތުން އެކަން އެ އިދާރާއަށް އަންގާކަށް ނުޖެހެ އެވެ. ނަމަވެސް ހައްޔަރުކޮށްފި ނަމަ އެކަން އަންގަންޖެހޭނެ އެވެ.
މެމްބަރުން ފުލުހަށް ހާޒިރުކުރާއިރު އެކަން އަންގައިދިނުމަށް އެދިފައި މި ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތަކެއް ބަލަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ.
މި މައްސަލަތައް ބަލަމުން އަންނަ އިރު ނަޝީދު ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު އާންމުވި ފޮޓޯގައި ފެންނަނީ އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކާއި އަންހެނަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އެނދެއްގެ މަތީގައި ތިއްބަ އެވެ.
އެ ކަންކަމާ ގުޅިގެން ފުލުހުން ބުނީ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.