އެމްޑީޕީގެ އެތެރޭގައި މިހާރު އުފެދިފައިވާ ފެކްޝަން ކޯޅުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފައި، އެ މަނިކުފާނު މަގާމުން ވަކިކުރަން އެއްބަސްވާނެ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޔާސީ އިސް ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ ނުބެލޭނެ ކަމަށް ނަޝީދު ނިންމެވުމާއެކު، އިދިކޮޅު މެމްބަރުން ވަނީ ތަޅުމުގައި އިހުތިޖާޖު ކުރުމަށް ފަހު، ޖަލްސާ ބޮއިކޮޓް ކުރައްވައި އެވެ.

އެ މައްސަލައިގައި މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސަލީމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް، މައިނޯރިޓީގެ އަޑު ކަނޑުވާލައި މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންނަށް އެކަމާ ދެކޮޅަށް ބަހުސް ނުކުރެވޭނެ ފަދަ މައްސަލަތައް އެޖެންޑާ ވެސް ނުކޮށް، މަޖިލީހުގެ ގަވައިދާ ހިލާފަށް ބޭރުކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވިގޮތުގައި، އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ހިލާފު އަދި މުންކަރާތް ހިމެނޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރަ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމާ ގުޅޭ މައްސަލައެއް ބޯމަތިވެއްޖެ ނަމަ އަނެއްކާވެސް އެމްޑީޕީ ދެބައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ތެރޭގައި އެ ޕާޓީ އަށް ވާނެ ގޮތެއް އެނގިވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ފުރުސަތު ލިބިއްޖެ ނަމަ މިނިޓަކަށް ވެސް މަޑުނުކުރައްވައި އެކަން ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"[އެމްޑީޕީ ދެބައިވުން] އެފަދަ ހާލަތަކަށް ހިނގައިދާނެ. ގޮސްފިއްޔާ އަޅުގަނޑުމެން މަޖިލިސް ރައީސްގެ ވަކިކުރުމުގެ ފުރުސަތު ލިބިއްޖިއްޔާ އެންމެ މިނިޓެއް ވެސް ނުތިބޭނަން. ވަކި ކުރާނަން،" ވަރަށް ޔަގީންކަމާއެކު ސަލީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، ﷲ ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލުތަކަކީ އާންމު ކަމަކަށް ހަދަން މި ސަރުކާރާއި މަޖިލީހުން މަސައްކަތް ކުރާ ކަމަށެވެ. ލިވާތު ކުރުމަކީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ ދަށުން ބޮޑު އަދަބެއް ލިބޭ ކުށެއް ކަމަށާއި އެ މައްސަލަ މަޖިލިހަށް އެޖެންޑާ ވެސް ނުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު އެހެން ޕާޓީތައް ވެސް އެބަ ހިމެނޭ. އެކަމަކު ޕީޕީއެމް/ޕީއެންސީ ފިޔަވައި އެހެން އެއްވެސް ބަޔަކު މި މަސައްކަތް ކުރައްވާ ތަނެއް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރާ ވީޑިއޯ އާއި އެމްޑީޕީގެ އެހެން ބައެއް އިސް ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މަޖިލީހުން ހައްލެއް ނުލިބިއްޖެ ނަމަ އެހެން ހުރިހާ ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.