ފްލެޓުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަންޖެހޭނީ މިނިސްޓަރު މުއިއްޒު: އެމްޑީޕީ

ފްލެޓުތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަންޖެހޭނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި ޒިންމާއިން ރެކިވަޑައިގަންނަވަން މަސައްކަތް ކުރެއްވުމަކީ ލަދުވެތިކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.


އެމްޑީޕީން މިހެން ބުނީ ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވުމުންނެވެ. ނޫސްްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ދެ މަޝްރޫއު ފެށީ މި ސަރުކާރުން ނޫން ކަމަށާއި އެ ފްލެޓުތަކުގެ ޑިޒައިން ހަދައި އެ ގޮތަށް ހުއްދަ ދިނީ ވެސް ނަޝީދުގެ ސަރުކާރުން ކަމަށެވެ.

މިނިސްޓަރަށް ރައްދު ދީ އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނީ އަތްފޯރާ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެކުލަވާލި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ނިމުނު މަޝްރޫއުތަކުގެ ޒިންމާ ނަގަންޖެހޭނީ، 2012 ވަނަ އަހަރުން ފެށިގެން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުއިއްޒު ކަމަށެވެ.

އެމްޑީޕީން ބުނީ ބޯހިޔާވަހިކަމުގެ މަޝްރޫއު 2011 ވަނަ އަހަރު ފެށުނުކަމުގައި ވިޔަސް 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމުން އެ މަޝްރޫއުގެ ހުރިހާ ކަމެއް ކޮށްފައިވަނީ މިނިސްޓަރު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"ފްލެޓުތަކުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ހިތްހަމަނުޖެހުން އެތައް ގުނައަކުން އިތުރުވެފައިވާ މިވަގުތު އެކަމުގެ ޒިންމާއިން ރެކިވަޑައިގަންނަވަން ކުރައްވާ މަސައްކަތް ކުރެއްވުމަކީ ލަދުވެތިކަމެކެވެ. މީގެ ފަސް އަހަރު ކުރިން ސަރުކާރު ހިންގުމުގައި ތިއްބެވި ބައެއްގެ ބޮލުގައި އެ ޒިންމާ އެޅުއްވުމުން މި ސަރުކާރަކީ ތަސައްރަފު ފުދިފައިނުވާ ގޮނޑިކޮއްކޮ ސަރުކާރެއްކަން ހާމަވެ އެވެ. އަދި މިއީ 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާނުލައްވާ ކަމުގެ ހެއްކެއް ވެސް މެ އެވެ،" ބަޔާނުގައި ބުންޏެވެ.

މި ސަރުކާރުގެ އެއްވެސް ސިޔާސަތެއްގެ ފައިދާ ރައްޔިތުންނަށް ނުލިބި ހިތުހުރި ގޮތަކަށް ސަރުކާރު ހިންގުމާ ގުޅިގެން މުޅި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެއީ ސަރުކާރު ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ ހިތި ނަތީޖާކަން އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް. - ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން ބުނީ އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން އެކުލަވާލި ޕްރޮގްރާމުގެ ދަށުން ތަރައްގީކުރި ފްލެޓުތަކުގެ އަގު އެތައް ގުނައަކުން ބޮޑުކުރުމަކީ ޒިންމާދާރު ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސޯޝަލް ހައުސިން ކެޓަގަރީގެ ދަށުން ތަރައްގީކުރި ފްލެޓުތައް ވިއްކުމަށް ސަރުކާރުން މިހާރު ނިންމާފައިވާ އަގަކީ އާއްމު ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި އެ އަގުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މިހާރަށްވުރެ ބޮޑުވެގެންދާނެ އެވެ. ހުރިހާ ގޮތަކުން ބަލާއިރު ވެސް މިހާރުގެ ސަރުކާރުގެ އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ، އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ފައިދާ ލިބިގެންދާނެ ކަމެއް ނޫން ކަމަށާއި ފޯރުންތެރި މީހުންނާއި މަދުން އާމްދަނީ ލިބޭ މީހުންގެ ފަރަގު އިތުރުވެ، ސޯޝިއޯ އިކޮނޮމިކް މައްސަލަތައް އިތުރުވެގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ޓާޓާ އިން ހެދި ފްލެޓް އަގު ދެ މިލިއަން ރުފިޔާ އަށް އަރަ އެވެ. ފްލެޓް ގަނެ، ޑައުން ޕޭމަންޓަށް 400،000ރ ދައްކަން ޖެހެ އެވެ. އެހެންކަމުން ދެ މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ހޭދަވެ އެވެ.