ޓާޓާ ފްލެޓްތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަން ޖެހޭނީ ނަޝީދު ސަރުކާރުން: މިނިސްޓަރު

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ވަރަށް އާދައިގެ ސާމާނު ބޭނުންކޮށްގެން ފްލެޓްތައް ފެންވަރު ދަށްކޮށް ހަދާފައިވާ ކަމުގެ ޝަކުވާ ފްލެޓް ލިބުނު މީހުން ދަނީ ކުރަމުންނެވެ. އަދި އެއިން ފްލެޓެއް 2 މިލިއަން ރުފިޔާ އަށް ވިއްކާއިރު ފްލެޓްގެ ފެންވަރާއި އަގު އެކަށީގެން ނުވާ ކަމަށް އެ މީހުން ބުނެ އެވެ.

މި މައްސަލާގައި ސަރުކާރުން އަޅާނުލާ ކަމަށް ކުރާ ޝަކުވާތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އަރަބިއްޔާ އާއި ގާކޮށި މަޝްރޫއު ފެށީ މި ސަރުކާރުން ނޫން ކަމަށެވެ. އެ ފްލެޓަތަކުގެ ޑިޒައިން ހަދައި އެ ގޮތަށް ފްލެޓް އަޅަން ހުއްދަ ދިނީ ވެސް ނަޝީދު ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

އެ ފްލެޓްތަކުގެ ފެންވަރު ބެލީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ނަޝީދު ސަރުކާރުންނެވެ.

"އެހެންވީމާ އޭގެ [ފެންވަރު ދަށްވުމުގެ] ޒިންމާ ނަގަން ޖެހޭނީ ވެސް އެ ސަރުކާރުން،" ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއިއްޒު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވެ، ފަހުން ފްލެޓްތައް ނިންމައި ހަވާލުކުރުމުގެ ހުރިހާ މަސައްކަތް ކުރިއަށް ގެންދިޔައީ މި ސަރުކާރުންނެވެ. އޭރު ހައުސިން މިނިސްޓްރީން ފްލެޓްތަކުގެ ފެންވަރާއި އެ މަޝްރޫއު ކުރިއަށްދާ ގޮތް ބަލާފައި ނުވޭތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެގްރިމެންޓެއް އޮތުމުން އެއަށް ބޮޑެތި "ބަދަލުތަކެއް ގެންނަން އަޅުގަނޑުމެންނަށް މާ ބޮޑު ފުރުސަތެއް ނެތް" ކަމަށެވެ.

ހުރިހާ ކަމެއް އަގުކޮށް ނިމޭއިރު މިއިން ފްލެޓަކަށް އެބަ ޖެހޭ ހަތަރު މިލިއަނަށް ވުރެ ރުފިޔާ. މިއީކީ 1.2 މިލިއަންގެ ފްލެޓެއް ނޫން. ނަޝީދު ސަރުކާރުގެ ވެސް އިސް ވެރިން އޮޅުވާލަން އެބަ ބުނޭ މިއީ 1.2 މިލިއަން ރުފިޔާގެ ފްލެޓެކޭ. --މުއިއްޒު
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފްލެޓްތަކުގެ ފެންވަރު ދަށް ކަމަށް ހައުސިން މިނިސްޓްރީން ގަބޫލުކުރަންތޯ ދެންނެވުމުން މުއިއްޒު ވިދާޅުވީ އެއީ ސޯޝަލް ހައުސިން ކެޓަގަރީގެ ފްލެޓްތަކަށް ވާތީ، ބެލޭނެ އެންމެ ރަނގަޅަކަށް ފެންވަރު ވެސް ބަލާފައިވާނެ ކަމަށެވެ. ތަން ހަދާފައި ވަނީ ސޯޝަލް ހައުސިން ކެޓަގަރީ އަށް ކަމަށް ވިދާޅުވި އެވެ.

"އިތުރަށް ދެން ގެންނަން ޖެހޭ ބަދަލެއް ވެއްޖިއްޔާ އެގްރީމެންޓުގެ ބޭރުން އެހެން ނިޒާމެއްގެ ތެރެއިން ގެންނަން ޖެހޭނީ. އަޅުގަނޑުމެން ޔަގީންކުރިން، އެއީ ސޯޝަލް ހައުސިން ކެޓަގަރީއަށް ފެތޭ ތަނެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު ދެ މިލިއަން ރުފިޔާ އަށް ފްލެޓް ގަނެ، ޑައުން ޕޭމަންޓަށް 400،000ރ ދައްކަން ޖެހުމަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް، ފްލެޓް ލިބުނު މީހުން ބުނެ އެވެ. އަދި އެ ލޯނަށް ޝަރުތު ހަމަވަނީ ވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން މަދު ބައެއް ކަމަށް، އެ މީހުންގެ ހައްގުގައި އަޑުއުފުލާ ފަރާތްތަކުން ބުނެ އެވެ.

ދެ މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ހޭދަވެ އެވެ.

މިހާރުގެ އަގަކީ މި މަޝްރޫއުގައި ހުޅުމާލެ އިން ދޫކުރި ފްލެޓްތަކަށް ވުރެ ވެސް ބޮޑު އަގެއް ނޫންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ފްލެޓުގެ އަގަށް ވިސްނާއިރު ޓާޓާއާ އެކު ވީ އެއްބަސްވުމުގައި ވަރަށް ގިނަ ކަންކަން އެބަ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އޯޑިއޯން އާއި ނާދީ ބިމާއި އަރަބިއްޔާ އާއި ގާކޮށި ފްލެޓުގެ ދެ ބުރި 50 އަހަރަށް އެ މީހުންނަށް ކުއްޔަށް ލިބުމާއި 50 ވިލާ އަޅަން ރަށެއް ވެސް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް އަގުކޮށް ނިމޭއިރު މިއިން ފްލެޓަކަށް އެބަ ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ. މިއީކީ 1.2 މިލިއަންގެ ފްލެޓެއް ނޫން. ނަޝީދު ސަރުކާރުގެ ވެސް އިސް ވެރިން އޮޅުވާލަން އެބަ ބުނޭ މިއީ 1.2 މިލިއަން ރުފިޔާގެ ފްލެޓެކޭ،" މުއިއްޒު ވިދާޅުވި އެވެ.

އަމީނީ މަގުގައި ހަދާފައިވާ ފްލެޓް އިމާރާތް: މިތަނުގައި 190 ފްލެޓް ހިމެނޭ --ފޮޓޯ: ނިޝާން އަލީ /މިހާރު

ހަގީގަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަތަރު މިލިއަނަށް ވުރެ އަގު ބޮޑު ފްލެޓުގެ އަގު ރައީސް ޔާމީންގެ ސަރުކާރުން ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމެވެ.

ފްލެޓްތައް ގަންނަން ލޯނު ލިބުނުކަމުގެ ލިއުންތައް އަންނަ މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ހުށަހަޅަން ޖެހެ އެވެ. އެއް ފަހަރާ ފައިސާ ދައްކަން ބޭނުން ނަމަވެސް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.