ފްލެޓު ބެހުމުގައި އިހުމާލުވީ މުއިއްޒު، ތަހުގީގު ހިންގަން ޖެހޭ: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ބެހުމުގައި އެންމެ ބޮޑު އިހުމާލެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އޭނާގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަ ގޮތް މުރާޖައާކޮށް، ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ލިބޭނެ ގޮތް ފަހިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން ވަނީ ފްލެޓު ލިބުނު މީހުންގެ ނަންތައް ހާމަކޮށްފަ އެވެ.

ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކުރިއިރު، ކުރީގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަށާއި އާއިލާތަކަށް ފްލެޓު ލިބިފައިވެ އެވެ.

ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީ ކައިރީގައި އެތައް ބަޔަކު ކިޔޫގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ "އެޖެންޑާ 19" ގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމާ އެކު، މީގެ ކުރިން ކަންކަން ހިނގާފައި ހުރި ގޮތްތަކުގެ މައްޗަށް ތަހުގީގުތަކެއް ހިންގުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ރައްޔިތުންނަށް ބެހި ގޮތާ މެދު ވަރަށް ގިނަ މީހުން ތިބީ ކަންބޮޑުވެފަ އެވެ. ބައެއް މީހުންނަށް ފްލެޓު ހައްގުވި ނަމަވެސް، އެއްގޮތަކަށް ހައްގު ނުވާ މީހުންނަށް ވެސް ފްލެޓު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަން ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި ގެއްލިގެން ނުދާނެ،" --- ނަޝީދު

"ފުލުސް އޮފީހުގައި ދަންނަވަން ބޭނުން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން، ހާއްސަކޮށް މާލޭގެ ވަރަށް ގިނަ ރައްޔިތުން އެދޭ ފްލެޓު ބެހުމުގައި ޖަރީމާ ހިންގައި ނާޖާއިޒު ފައިދާ ނަގާފައި ހުރި މީހުން ބަލައި ތަހުގީގުކޮށް އެކަމާ ގުޅޭ ރަނގަޅު ޝަރީއަތާއި އެހެން ވެސް ގޮތް ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިނިސްޓަރު [މުއިއްޒު] ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ނަޝީދު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ނެންގެވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކާ ގުޅުން ހުރި 37 މީހަކަށް ފްލެޓު ލިބުމެވެ. ނަޝީދު އެ އިޝާރާތް ކުރެއްވި މެމްބަރަކީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލަށެވެ. ހަލީލްގެ އިތުރުން އެގޮތަށް ފްލެޓުތައް ދީފައި ހުރީ ކޮންކޮން ބޭފުޅުންނަށްތޯ އެމްޑީޕީން ސާފުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލޭގައި އެންމެ ފަހުން އިމާރާތްކޮށްފައިވާ ފްލެޓްތައް ކައިރިން ބަޔަކު ހިނގާފައި ދަނީ. --ފޮޓޯ/މިހާރު

"އަޅުގަނޑުމެން ޔަގީންކަން އަރުވަން ހައްގުވާ މީހަކަށް ލިބިފައިވާ ފްލެޓެއް އެއްވެސް ހާލެއްގައި ގެއްލިގެން ނުދާނެ،" ކޮމިޓީން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ކަށަވަރު ކުރުމުގައި ކަނޑައެޅި މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކަށް ފްލެޓު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، މުއިއްޒު މީގެ ކުރިން ވަނީ ފްލެޓު ކަށަވަރު މީހުން ދިފާއުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ދާއިމީ ލިސްޓުތަކުގައި، ކުރިން އިއުލާންކޮށް ނުވަތަ ޝާއިއުކޮށްފައިވާ އުސޫލަކާއި ނުވަތަ ޝަރުތަކާއި ނުވަތަ ޕޮއިންޓް ލިބޭ މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކު ހިމަނާފައި ނުވާނެ ކަމަށެވެ.