ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް އަހަރު ތެރޭ ވަދެވޭނެ: އިބޫ

ސިފައިންނާއި ފުލުހުންނަށް އަމާޒު ކޮށްގެން ހުޅުމާލޭގައި ހަދަން ފަށާފައިވާ ފްލެޓުތަކަށް އެއް އަހަރު ތެރޭގައި ވަދެވޭވަރު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ފްލެޓު ދޭން އުޅޭތާ ފަސް އަހަރުވެފައިވާ އިރު، އެ މީހުންނަށް ހާއްސަ ކުރި އެއްވެސް ފްލެޓެއްގެ މަސައްކަތް މިހާތަނަށް ނުނިމޭ ކަމަށެވެ. އެ ފްލެޓުތަކަށް ދާ ހަރަދު އެނގިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވިޔަސް، އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"އެބަހުރި ދެ އަހަރު އެޑްވާންސް، (ފުލުހުންނާއި ސިފައިންގެ) މުސާރަ އިން ކަނޑާފައި. އެއިން އެއްވެސް ފުލުހަކަށް، ސިފައިންގެ މީހުންގެ އާއިލާއަކަށް ވަދެވޭކަށެއް ނެތް،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް، އިބޫ ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެމްޑީޕީ

ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެއް އަހަރު ވާއިރު، ސިފައިންނާއި ފުލުހުންގެ ފްލެޓުތައް ނިންމައި، އެ ތަނުގައި އެ މީހުންގެ އާއިލާތަކަށް ދިރިއުޅެން ފެށޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި ތިބި މީހުންނަށް އެތަނަށް ވަދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ އެންމެންނަށް ގެދޮރު އަޅައިދެއްވުމަށް އިބޫ މީގެ ކުރިން ވަނީ ވައުދުވެވަޑައިގެންފަ އެވެ. ޚާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 4،000-5،000 މީހުން ތިބީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ކަމަށެވެ.

ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަން ހައްލު ކުރަން މަސައްކަތް ކުރާނީ ކިހިނެއް ކަން މެނިފެސްޓޯ އިން ސާފުވާނެ ކަމަށާއި ތަފްސީލްތައް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައި އޮތަސް، އެ ތަނުގައި މާ ބޮޑު މަސައްކަތެއް މިހާރު ނުހިނގަ އެވެ.