ބާރުގަދަ ބޭސްތަކެއް ކައިގެން އިނދެ، އަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލި މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖިންސީ ގުނަވަން ބުރިކޮށްލި 31 އަހަރުގެ މީހާއަށް ފަރުވާދެމުން އައީ ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށެވެ. އެ ހާދިސާ ހިނގައިގެން ބަންގްލަދޭޝްގެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ގައިގައި އިތުރު ޒަހަމްތަކެއް ވެސް ހުއްޓެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔަ މަންޒަރުގެ ފޮޓޯތައް އާއްމުވެފައިވާ އިރު، އޭނާގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ގިނަ އަދަދަކަށް ލޭ ފެންނަން ހުއްޓެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ މަރުވި މީހާ ގުނަވަން ބުރިކޮށްލީ ބާރުގަދަ ބޭސްތަކެއް ކައިގެން ގޮނޑިއެއްގައި އިނދެ ވަޅިއަކުން އަމިއްލައަށް ކަމަށެވެ.

މިކަމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.