އިންޑިއާ މީހަކު އޭނާގެ އަނބިމީހާއަށް ވަގަށް ރާއްޖެއަށް ދަތުރުކުރިކަން ފޮރުވުމަށްޓަކައި ޕާސްޕޯޓްގެ ބައެއް ގަނޑުތައް ވީދާލުމުން އެ ގައުމުގެ އެއާޕޯޓުން އެ މީހާ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން 32 އަހަރުގެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީ އެއާޕޯޓުން ހައްޔަރުކުރީ އޭނާގެ ޕާސްޕޯޓްގެ ބައެއް ގަނޑުތައް ނެތުމުންނެވެ. އެކަން އޭނާ ކުރީ އޭނާގެ އަނބިމީހާއަށް ވަގަށް ލޯބިވެރިޔާއާ އެކު ރާއްޖެއަށް ދަތުރުކުރިކަން ސިއްރު ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.
ނޫސްތަކުގައިވާ ގޮތުން ލޯބިވެރިޔާއާ އެކު އޭނާ ރާއްޖެ އައީ ވަޒީފާގެ ކަމެއްގައި އިންޑިއާގެ ތަނަކަށް ދަނީ ކަމަށް ބުނެ އަނބިމީހާއަށް ދޮގު ހެދުމަށްފަހު އެވެ.
އޭނާ ދިޔަފަހުން އޭނާގެ ފޯނު ނުގުޅޭތީ އަނބިމީހާއަށް ޝައްކުވެ، އަދި ވަޓްސްއެޕް މެދުވެރިކޮށް ގުޅަން ފެށުމުން އޭނާ ދަތުރުކޮށްލާފައި އެނބުރި އިންޑިއާއަށް ދިޔައީ ކަމަށް ވެސް އިމިގްރޭޝަންގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫސްތަކުގައިވެ އެވެ.
ޕާސްޕޯޓުން އޭނާ ވީދާލާފައި ހުރީ ރާއްޖޭގެ އިމިގްރޭޝަނުން ތަތްގަނޑު ޖަހާފައި ހުރި ގަނޑުތަކެވެ. ޕާސްޕޯޓަށް ގެއްލުން ދިނުމަކީ އިންޑިއާގައި ކުށަކަށް ވާތީ އެ މީހާ ވަގުތުން ހައްޔަރުކޮށް، މިހާރު ހުރީ ބަންދުގަ އެވެ. އޭނާގެ މައްޗަށް ކުރަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމުގެ ތުހުމަތެވެ.