ރޭ ދަންވަރު ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ މިރޭ ފުރާވަޑައިނުގަންނަވާކަން އެނގިއްޖެ އެވެ. އެކަމަކު، އޭނާ ފުރާވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ލަންކާގެ ޑެއިލީ މިރާ އިން ވަނީ ބުނެފަ އެވެ.
ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންނެވި ގޮޓާބަޔަ ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން އޮތީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން ސިންގަޕޫރަށް ފުރުމަށް މިރޭ 11:25 ގައި ތާވަލު ކޮށްފައިވާ ސިންގަޕޫރު އެއާލައިންސުން ލަންކާގެ ރައީސް ފުރާވަޑައިނުގަންނަވާ ކަމަށް އެނގިފައި ވެ އެވެ. އަދި ގޮޓާބަޔަ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް ވެސް ވަޑައެއް ނުގަންނަވަ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ވަޑައިގަންނަވާތީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އޮތީ މިރޭ ވަރުގަދަކޮށްފަ އެވެ. އެ މަނިކުފާނު މީގެ އިރުކޮޅެއް ކުރިން ރާއްޖެ ވަޑައިގެންފައިވާއިރު، ވީއައިޕީ ޓާމިނަލުން ނުކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ސުވާލު ކުރަން ބޭނުންވި ނަމަވެސް ސެކިއުރިޓީ ވަރުގަދަކޮށް، ނޫސްވެރިން ދުރުކުރުމުން ސުވާލު ކުރެވޭ ގޮތެއް ނުވި އެވެ.
ނޫސްވެރިން ތިބީ ގޮޓާބަޔަ ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސުވާލު ކުރަން ތައްޔާރު ވެގެންނެވެ. އެކަމަކު، ރައީސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ނުކުމެވަޑައިގެންނެވި ވަގުތު ސަލާމަތީ ފަރާތްތަކުން ނޫސްވެރިންނަށް ޖާގަ ދިނީ 200 އެއްހާ ފޫޓު ދުރުންނެވެ. އަދި ނޫސްވެރިން ވަރަށް ބާރަށް ރައީސަށް ގޮވި ނަމަވެސް ބައްލަވާފައި ވަކި އެއްޗެއް ވިދާޅުނުވެ ކާރުކޮޅަށް އަރާވަޑައިގަތީ އެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގެންފައިވާތީ އެ ކަމާ ދެކޮޅަށް ބައެއް ދިވެހިން ވެސް ނުރުހުން ފާޅުކޮށް، އަދި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މީހުން މިއަދު ހަވީރު މުޒާހަރާ ކޮށްފައިވާއިރު ދިވެހި ސަރުކާރު އޮތީ 24 ގަޑިއިރު ވާން ކައިރިވާއިރު ވެސް ހިމޭނުންނެވެ. ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ނަމަ ގޮޓާބަޔަ ރާއްޖޭގައި ހުންނެވީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުގަ އެވެ. އެކަމަކު، އެހެން މަސްދަރުތަކުން ބުނަނީ އޭނާ ގުންނެވީ ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ސިފައިންގެ ހިމާޔަތުގަ އެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮޓާބަޔަ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވިޔަސް އަދި އެ ކަމެއް ނުކުރައްވަ އެވެ. އެކަމަކު، ގޮޓާބަޔަ ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގަތުމުން، ލަންކާގެ ވަގުތީ ރައީސްގެ މަގާމު މިހާރު ފުރުއްވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ބޭރުގެ މީޑިއާއެއްގައިވާ ގޮތުން ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ގޮޓާބަޔަ ވަނީ ގައުމުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން ސިންގަޕޫރުން ދިނުމުން ރާއްޖެ މަގުން އެ ގައުމަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްރު މަސްދަރަކާ ހަވާލާދީ އެ މީޑިއާ އިން މިއަދު ރިޕޯޓްކުރި އެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނެވެ. އެމެރިކާ އާއި އިންޑިއާއިން ވެސް އޭނާ ވަޑައިގަތުމުގެ ހުއްދަ ނުދިންއިރު، ދުބާއީ އަށް ވަޑައިގަތުމަށް އިއްޔެ މަސައްކަތްޕުޅު ކުރެއްވުމުން ލަންކާ އެއާޕޯޓްގެ އޮފިޝަލުން އޭނާ އަށް އެއްބާރުލުމެއް ނުދިނެވެ.
ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ކުރުމުގައި ބޮއްސުންލައިގެން ދިއުމުންނެވެ.