ސްރީ ލަންކާގެ ރައީސްގެ މަގާމުން މީގެ އިރުކޮޅެއް ކުރިން އިސްތިއުފާ ދެއްވި ގޮޓާބަޔަ ރާޖަޕަކްސާ ގައުމު ދޫކޮށް ވަޑައިގަތުމުގައި ރާއްޖޭން އެހީވުމަކީ ދިވެހި ސަރުކާރުގެ ބުއްދިވެރި ނިންމުމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތައުރީފްކުރައްވައިފި އެވެ.
ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅަކު ފިއްލެވުމަށް އެހީވި ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަންކާގައި ހުންނެވި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރަށް ގޯޓާބަޔަ އަދިވެސް އިސްތިއުފާ ދެއްވާފާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
"ދިވެހި ސަރުކާރުގެ މި ބުއްދިވެރި ނިންމުމަށް ތައުރީފް ކުރަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ރައީސްގެ މަގާމުން ގޮޓާބަޔަ އިސްތިއުފާ ދެއްވުމާ އެކު ލަންކާގެ ހާލަތު ރަނގަޅުވެ، ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސިއްރިއްޔާތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ގޯޓާބަޔާ ރާއްޖެ ވަޑައިގަތުމުން ވީއައިޕީން މަރުހަބާ ދެންނެވުމަށް ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ނަޝީދު މި ރެޔާ ހަމަޔަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ބޭރުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޮޓާބަޔާ ރާއްޖެ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ.
ގޮޓާބަޔަ އަށް އެހީވުމާ ގުޅޭ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވިޔަސް ދިވެހި ސަރުކާރުން އަދިވެސް މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ސައުދީ އެއާލައިނެއްގައި ގޯޓާބަޔަ ސިންގަޕޫރަށް ވަޑައިގެންނެވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. މަގާމުން އިސްތިއުފާ ދެއްވީ އެ ގައުމުގައި ހުންނަވައިގެންނެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ގޮޓާބަޔަގެ ދަތުރަކީ އަމިއްލަ ދަތުރެއް ކަމަށާއި ސިޔާސީ ހިމާޔަތަށް ވެސް އޭނާ އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެ ގައުމަކީ އެގޮތަށް ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިގްތިސާދީ މައްސަލަތަކާ ހެދި މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ އާންމުން މަގުތަކަށް ނުކުމެ ރައީސާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާއި އޮފީސްތައް ހިސާރުކުރުމުން އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ގޯޓާބަޔަ މީގެ ކުރިން އިއުލާންކުރެއްވި އެވެ.
އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ސިޔާސީ ބޮޑު މައްސަލަތަކެއް އުފެދިފައިވާ ލަންކާގެ ރައީސަށް ރާއްޖެއިން އެހީވީ، ނޮވެމްބަރު، 2003 ގައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އެ ގައުމުން ހިމާޔަތް ދިނުމުން އޭގެ ބަދަލެއްގެ ގޮތުންނެވެ. އޭރު ލަންކާގެ ބޮޑު ވަޒީރަކަށް ހުންނެވީ، ގޯޓާބަޔަ އިސްތިއުފާ ދެއްވުމުން މިހާރު ވަގުތީ ރައީސަކަށް ހުންނެވި ރަނިލް ވިކްރެމަސިންހާ އެވެ.
ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް ވެސް މި ފަހުން ރަނިލް އައްޔަންކުރެއްވުމާ އެކު އޭނާ ވަނީ އެ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަންދޫބެއްގެ ގޮތުން ނަޝީދު ހަމަޖައްސަވައިފަ އެވެ.