ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމަކީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ލަންކާގެ ސިޔާސީ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމަކީ، ދެ ގައުމުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. 

އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

ނަޝީދު ވިދާޅުވީ ވިސާ އާއި ވޯކްޕާމިޓް ފަދަ ކަންކަން އުވާލުމުން ޓޫރިޒަމާއި ވިޔަފާރި އަދި ވަކިވަކި ފަރުދުންގެ ގުޅުން އިތުރަށް ފުޅާވެ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. 

ކުރީގެ ރައީސް ނަޝީދު ރާއްޖެ އާއި ލަންކާގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ލަންކާ އިން ދިވެހިންނަށް ވިސާ ހޯދުމަށް އުނދަގޫވެފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. 

ސަފީރު މަސްއޫދު ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

މަސްއޫދު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.

މަސްއޫދު ވިދާޅުވީ ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލަ ބޮޑުވީ އީސްޓަ ސަންޑޭގެ ހަމަލާގެ ފަހުން ކަމަށް ވާތީ، އެ ހަމަލާގެ ފަހުން ރާއްޖެއަކީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ގައުމެއް ކަމަށް ކަނޑައެޅީތޯ ސާފުކުރަން ލަންކާގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.