ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތި، އެއާ ސްޓެއާއެއްގައި ޖެހި މީހަކަށް އަނިޔާވެއްޖެ

ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތި، މަތިންދާބޯޓަށް އަރަން ބޭނުންކުރާ ސިޑި (އެއާ ސްޓެއާ) އެއްގައި، މީހަކަށް އަނިޔާވެއްޖެ އެވެ.


މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތި އެނބުރެނިކޮށް، ސިޑިއެއްގައި ޖެހުމުން އެއިން ބުރައިގެން ދިޔަ ބައިތަކުގެ ތެރެއިން އެއްޗެއް، އެ ސިޑި ހަރުކޮށްފައިވާ އުޅަނދު ކައިރީގައި ހުރި މީހެއްގެ ބަނޑަށް ވަނީ ހެރިފަ އެވެ.

އަނިޔާ ލިބުނު މީހާ އަށް ފަރުވާ ދޭން ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ މީހާގެ ހާލު އަދި ސާފެއް ނުވެ އެވެ. އެ ހާދިސާގައި އިތުރު މީހަކު ވެސް އަނިޔާވި އެވެ. އެކަމަކު އޭނާގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ކިޔުންތެރިއެއް

އެނގިފައިވާ ގޮތުގައި ހަވީރު 4:00 ހާއިރު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރު އެއާޕޯޓުގައި ޖެއްސި ވަގުތުގަ އެވެ. އެކްސިޑެންޓު ހިނގި ވަގުތު ހެލިކޮޕްޓަރުގެ ބުރަފަތި ހުރީ އެނބުރިއެނބުރި އެވެ. ހެލިކޮޕްޓަރު ޖެއްސީ އޭޕްރަން އާއި ސާވިސް ރޯޑް ނުވަތަ ވެހިކަލްތައް ދުއްވާ ސަރަހައްދު ފާހަގަުރަން ދަމާފައިވާ ރަތް ރޮނގާ ވަރަށް ކައިރި އަށެވެ. އޭގެ ނަތީޖާ އަކީ އޭޕްރަން އިން ބޭރަށް ހެލިކޮޕްޓަރުގެ ބުރަފަތި ނުކުތުމެވެ. ބުރަފަތި ޖެހުނު ސިޑި ހުރީ ސާވިސް ރޯޑްގައި ޕާކް ކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސިފައިންގެ ބަހެއް އަދި ނުލިބެ އެވެ.