އޭ ލެވެލްގައި އެންމެ މަތީ ފާސް ލިބުނު 85 ދަރިވަރަކަށް ސްކޮލަޝިޕްގެ ލިޔުން ރޭ ހަވާލުކޮށްފި އެވެ. އޭގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑު، ރައީސްގެ ސްކޮލަޝިޕް ހަ އަންހެން ކުދިންނަށް ވަނީ ލިބިފަ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަސް މާއްދާއިން އޭ ހޯދައިގެން 79 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ކަމަށެވެ. ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ލިބުނީ ސީއެޗްއެސްއީގެ ފަސް އަންހެން ކުދިންނާއި ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ އަންހެން ދަރިވަރަކަށެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 24 ދަރިވަރުން ރައީސްގެ ސްކޮލަޝިޕް ހޯދައިފަ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގައުމިއްޔަތުގެ ގަހުގައި އަޅާ އެންމެ ފޮނި މޭވާއަކީ ތައުލީމީ ދަރިން ކަމަށެވެ. ފުރުސަތުތައް ދެވެން އޮތް ވަރަކަށް ދިނުމަށް ނޭދޭ އެކަކު ވެސް ނުހުންނައިރު، ރައްޔިތުންގެ ބޭނުން އޮންނަކަން ދެނެގަނެ، ގައުމުގެ ސިޔާސަތު އޭގެ މައްޗަށް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ސަބަބަށްޓަކައި ތައުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުމަކީ މި ވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަން ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވަނީ ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުން، ގައުމާ ދޭތެރޭގައި ވިސްނާ ޒުވާނުންނަށް ވުމަށް އިލްތިމާސްކުރައްވައިފަ އެވެ. ގައުމު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތަކާ މެދު ފިކުރުކޮށް، އެ ބަދަލު ގައުމަށް ގެނެވޭނީ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަން ކުރުވައިގެން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ސިޔާސަތަށް ގެނައި ބަދަލާ އެއްގޮތަށް ކުރާ މަސައްކަތާއި ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށެވެ.
އެގޮތުން، ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނައިރު އިލްމާއި ހުނަރުން މުއްސަނދިވެފައިވާ އެ ޒުވާނުން ގައުމީ ހިދުމަތުގައި އަތުކުރި އޮޅާލުމަކީ ރާއްޖޭގެ ތަރައްގީއަށް ކޮށޭނެ އެންމެ އަލި މަގު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާ އެކު ހޯދައިދިނުން. މި ގޮތުން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިއްޖެ. ޓިވެޓް ސެންޓަރަކާއި ޖޫނިއާ ކޮލެޖެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރު ވެސް ކުރިއަށް އެބަދޭ. އަދި އިތުރު ރަށްރަށުގައި މި ފަދަ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އެ ސްކޮލަޝިޕްތަކުގައި މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަރިވަރުން ކިޔަވަމުން އަންނައިރު، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ސިއްހީ ދާއިރާއާ ގުޅޭގޮތުންނެވެ. ރައީސް ވިދާޅުވީ އެ ކަމަކީ ގައުމުގެ ކުރިމަގަށްޓަކައި އެ ދަރިވަރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ރައިސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ ކިޔަވަން ފަށަން ޖެހޭނެ އެވެ.