މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ގަލޮޅު ދަނޑު ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ ދެ މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހައްޔަރުކުރީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

މީގެ ކުރިން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 21 މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތެރެއިން ހަަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރި ފަޒްލޫން ޝަރުތުތަކަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީން ވަނީ ދެ ޝެއިހުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ހިފަހައްޓައިފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ޓީމެއް އެކުލަވާލަފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.

ކުރިން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ އެ އަށް ވުރެ މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު ކަންތައް ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ.

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވެފައިވެ އެވެ.