ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް، އެތަނުގެ ސެކިއުރިޓީ ބްރީޗުވެ ހަމަނުޖެހުން ހިންގަން ބަޔަކަށް ފުރުސަތު ލިބުނު ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަލޮޅު ދަނޑުގެ ސެކިއުރިޓީ ބްރީޗުވި ގޮތާމެދު އޭނާގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެހެންވެ، އިއްޔެގެ ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ރިވިއުއެއް މިހާރު ހަދަމުން އަންނަ ކަމަށެވެ.
"އެކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ހަމީދު ވިދާޅުވި އެވެ.
އެ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތްކުރަމުން އަންނައިރު، ފުލުހުންގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
ދައުލަތުގެ ބައެއް އިސްވެރިންނާއި ސަފީރުންނާއި އަދި ޑިޕްލޮމޭޓުން ވެސް ބައިވެރިވި އެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ، ހަމަލާ ދިންއިރު، ގަލޮޅު ދަނޑުގެ ސެކިއުރިޓީގެ ކަންކަން އެންމެ ރަނޅަށް ބަލަހައްޓާފައި ނުވާ ކަމަށް ބުނެ އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އެ އިދާރާ އަށް އަމާޒުވެފައިވެ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ އެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން، ދުވަމުން ގޮސް އެ ތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭލެވި އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައިރު، ސަލާމަތީ ކަންކަން ބަލަހައްޓަން ދަނޑުގެ ބޭރުގައި ތިބީ ހައެއްކަ ފުލުހުން ކަމަށް ވެ އެވެ. ނަމަވެސް އެ ހަރަކާތް ބާއްވާތީ އޭގެ ކުރިން އެކި ފަރާތްތަކުން އިންޒާރުދީ، އަދި އެއީ އިސްލާމްދީނާ ހިލާފު ކަމަކަށް ވާތީ އެ ކަން ނުކުރަން ވެސް އޮތީ އެދިފަ އެވެ.
ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ދަނޑަށް ވަދެ ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން މީހުން ކޮންޓްރޯލް ކުރެވުނީ ފުލުހުންގެ ފައުޖެއް ފަހުން ގޮސް ޓިއާ ގޭސް ވެސް ޖަހައިގެންނެވެ.
ފުލުހުން ބުނެފައި ވަނީ ޔޯގާގެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި އެ އިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ވެސް އިއްޔެ ވަނީ އެކުލަވާލައިފަ އެވެ.
އިއްޔެގެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ހަ މީހަކަށް މިއަދު ކޯޓުން ވަނީ މުއްދަތު ވެސް ދީފަ އެވެ. އެތަނުން ހަތަރު މީހަކު ދެ މަހަށް ބަންދުކުރިއިރު، ދެ މީހަކު ބަންދުކުރީ ފަސް ދުވަހަށެވެ.