ފުލުހުންގެ އިންޓެލިޖެންސްގެ ނަން، ގައުމީ އިންޓެލިޖެންސްގެ ނަމަށް ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސްގެ ނަން ވަނީ "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކޮށްފަ އެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމު ކުރިން ފުރުއްވި ހަމީދު، އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ފުލުހުންގެ އެންމެ މުހިއްމު މަސައްކަތްކުރާ އެއް ތަނުގެ ނަން ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. 

އޭނާ ވިދާޅުވީ ތަހުގީގުތަކާއި އާއްމުންގެ ރައްކާތެރިކަމަށް ފުލުހުންގެ އިދާރާގެ އިންޓެލިޖެންސް ވަރުގަދަވެ، ޕްރޮފެޝަނަލް ވާންޖެހޭ ކަމަށެވެ. އެކަމަކު، ފުލުހުންގެ އިންޓެލިޖެންސް ފަންކްޝަން އަދި ނޭޝަނަލް އިންޓެލިޖެންސް ސާވިސްއަކީ ވަރަށް ތަފާތު ދެ ނަމެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

"އާންމު ވެރިކަމެއްގައި، ނަން ބަދަލުކުރުމަކީ މާ ބޮޑު މާނައެއް ހުރި ކަމެއް ނޫން. އެކަމަކު ސެކިއުރިޓީ ސެކްޓާގައި ނަމުގައި ބަރުދަން އޮވޭ. އެ ނަމުން ރަމްޒު ކޮށްދެނީ އެ އިދާރާގެ ބާރާއި މެންޑޭޓް، ރީޗް އަދި ޒިންމާ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންޓެލިޖެންސްގެ ނަމަށް "ނޭޝަނަލް" އިތުރުކުރުމުން އެއީ އިންޓެލިޖެންސްގެ އެންމެ އިސް ޒިންމާ އަދާކުރާ އިދާރާކަމަށް ވިސްނޭ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެ މާނައަކީ، ހަމީދުގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ގާނޫނު ތަންފީޒު ކުރާ އިދާރާއެއް އެ ގައުމުގެ ސެންޓްރަލް އިންޓެލިޖެންސް ބޮޑީއަށް ވުމެވެ.

ނަމަވެސް އެފަދަ މުއައްސަސާއެއް އުފައްދައި މެންޑޭޓުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިއަސް އެ މަސައްކަތް ކުރަންވީ ގޮތްތައް ބަޔާންކޮށްދޭނެ ގައުމީ އިންޓެލިޖެންސް ގާނޫނެއް ރާއްޖޭގައި މި ވަގުތު ނެތްކަން ހަމީދު ފާހަގަކުރެއްވި އެވެ.

"ލީގަލް ފައުންޑޭޝަން ނެތި އެ ނަން ވެސް ވެގެން ދާނީ ބޮޑު މައްސަލައަކަށް. އެކަން އުނދަގޫވާނީ ހަމައެކަނި ދިވެހިންނަކަށް ނޫން. ރާއްޖޭގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ ކަންކަމުގައި ބައިވެރިވާ ބޭރުގެ ފަރާތްތަކަށް ވެސް މިކަމުގައި އޮޅުންތައް އަރާނެ،" ހަމީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހަމީދު ވިދާޅުވީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ އެކި މުއައްސަސާތަކުން އެ ތަނެއްގެ މެންޑޭޓާ އެއްގޮތަށް ކަމަށެވެ. ފުލުހުންނަށް، ފުލުހުންގެ އިންޓެލިޖެންސްގެ ދައުރު އަދާކުރާއިރު އެމްއެންޑީއެފުން ޑިފެންސް އިންޓެލިޖެންސްގެ ޒިންމާ އަދާކުރާކަން ފާހަގަކުރެއްވި އެވެ. ހަމަ އެގޮތަށް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުން ވެސް ގައުމީ ސަލާމަތަށް މުހިއްމު މައުލޫމާތު އެއްކުރާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މުއައްސަސާއަކަށް އެކަނި މުޅި މަންޒަރެއް ނުފެންނާނެ. ކުށް ކުރުމާއި ޓެރަރިޒަމާއި މަސްތުވާތަކެއްޗާއި ސައިބަ ތްރެޓްތަކާއި ބޭރުގެ ނުފޫޒުތަކާއި ބޯޑަރު ރިސްކުތަކާއި މެރިޓައިމް ސެކިއުރިޓީ އަދި ޕަބްލިކް އޯޑާގެ ކަންބޮޑުވުންތަކަކީ އެއް އިދާރާއެއްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އެއީ އިންސްޓިޓިއުޝަންތަކަށް ބެހިފައިވާ ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ހަގީގީ ބޭނުމެއް އޮތީ އެއް މުއައްސަސާއަކުން ގައުމީ ޖާގަ ހޯދުމެއް ނޫން. ފައިދާ ބޮޑު ގޮތަކީ  ރަނގަޅު ނޭޝަނަލް އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް އޮތުން."

ހަމީދު ވިދާޅުވީ އެ ބަދަލު ގެނައީ، ފުލުހުންގެ ނަޒަރުން ވިސްނާލާއިރު އެ އިދާރާގެ އިންޓެލިޖެންސް ފަންކްޝަން ފުޅާކުރުމާއި އިތުބާރު ބޮޑުކޮށް އަދި ގުޅުން ބަދަހިކުރާށެވެ. ނަމަވެސް، އިންޓެލިޖެންސްގައި "ކްރެޑިބިލިޓީ" އަކީ ނަމަކުން އަންނަ އެއްޗެއް ނޫން ކަމަށާއި އެއީ ޕްރޮފެޝަނަލިޒަމްގެ ސަބަބުން އަންނަ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެއް މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ގާނޫނީ ބާރުގެ ބޭރުން ބޭރުވާ ނަމެއް ބޭނުންކުރާ ނަމަ އޭގެ ސަބަބުން އަނެއް މުއައްސަސާގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ. އޭގެ ސަބަބުން ބާރުވެރިކަމާއި ރިޕޯޓިން ލައިންތަކާއި އިންޓެލިޖެންސް މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ،" އޭނާ ވިދާޅުވި އެވެ.

"ގައުމެއްގެ ހައިސިއްޔަތު ހޯދަން ވާދަކުރާ އިންޓެލިޖެންސް އިދާރާތަކެއް ރާއްޖެ ބޭނުމެއް ނޫން. ގައުމީ ސަލާމަތުގެ ތަސްވީރު ހިއްސާކުރުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކެއް ވެސް ބޭނުންވޭ."