ފުލުހުންގެ ހިދުމަތުން ވަކިކުރަން ނިންމާފައިވަނިކޮށް، އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝުހާދު ރިޓަޔާކުރުމަށް ފުރުސަތު ދެއްވީ ކޯޓުން ގޮތް ނިންމާފައިވާތީ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަކިކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޝުހާދު ހިމެނިވަޑައިގަންނަވަ އެވެ. އެހެންވެ، ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފަސް އޮފިސަރަކު ކޯޓަށް މައްސަލަ ހުށަހެޅިއިރު ޝުހާދުގެ ބައިވެރިވުމެއް ނެތެވެ.
ނަމަވެސް، މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށް ރިޓަޔާވުމަށް ފުރުސަތު ދިނުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނުމުން ރިޓަޔާވުމަށް ޝިހާދު ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އޭރު ނޯޓިސް ދިން ބައެއް މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ޝިހާދުގެ ހުށަހެޅުމާ ގުޅޭގޮތުން ގޮތެއް ނުނިންމި ދިގުލައިގެން ދިޔައީ އެވެ.
"ޕޮލިސް ބޯޑުން ނޯޓިސް ދިން ބައެއް މުވައްޒަފުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް އޮތުމުން ޝުހާދުގެ ސިޓީއަށް ވެސް ގޮތެއް ނުނިންމާ ވަނީ ބާއްވާފައި. އެއީ ޝުހާދުގެ މައްސަލަ ކޯޓަށް ނުލީ ކަމުގައިވީ ނަމަވެސް އެއް ހާލަތެއްގައި ތިބި މުވައްޒަފަކަށް ވާތީ." ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝުހާދުގެ ރިޓަޔާމަންޓާ މެދު ގޮތެއް ނިންމީ ކޯޓަށް މައްސަލަ ހުށަހެޅި މައްސަލަ މި މަހުގެ 21 ވަނަ ދުވަހު ނިންމުމުން ކަމަށެވެ.
ނަމަވެސް ދައުލަތަށް އެ މައްސަލަ ނާކާމިޔާބުވުމުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ވަނީ ނިންމައިފަ އެވެ.
ކޯޓުގެ ނިންމުމުގައި ބުނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށް ފަހު ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށް ކޯޓުން ބުނެ އެވެ.
ހުކުމުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅި ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތެވެ. އަދި އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ބުންޏެވެ.
އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައިވެ އެވެ. ޔޫނުސް ވިދާޅުވި ގޮތުގައި ޝުހާދު ރިޓަޔާވުމަށް ފުރުސަތު ދެއްވީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ކޯޓަށް ހުށަހެޅި މައްސަލަ ނިންމުމުން ރިޓަޔާ ކުރުމަށް އެދިފައިވާ ސިޓީއާ ގުޅިގެން ޝުހާދަކީ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާތީ ރިޓަޔާމަންޓާ ގުޅޭގޮތުން ގަވައިދުގައިވާ ގޮތުގެ މަތިން ވަނީ ގޮތް ނިންމާފައި." ޔޫނުސް ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުން ރިޓަޔާވުމުން، މަސައްކަތްކުރި މުއްދަތާއި ރޭންކަށް ރިއާޔަތްކުރުމަށްފަހު ކޮންމެ މަހަކު ވެސް ޕެންޝަންގެ ގޮތުގައި ވަކި ވަރެއް އަދި ހިލޭ ބޭސްފަރުވާ ކުރެވެ އެވެ.